06 ޖެނުއަރީ 2017 - 08:20

ބިލްބާއޯ (ޖެނުއަރީ 6) – ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ދެ ކުޅުންތެރިން މަދުކޮށް ކުޅެ އެތުލެޓިކް ބިލްބާއޯ އިން ބާސެލޯނާގެ މައްޗަށް 2-1 އިން ކުރި ހޯދައިފި އެވެ.
ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އަރިޓްޒް އަޑުރިޒް ޖެހި ގޯލާއި 28 ވަނަ މިނެޓުގައި އިނާކީ ވިލިއަމްސް ޖެހި ގޯލްތަކާ އެކު ބިލްބާއޯ ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ.
ބާސެލޯނާ އަށް ތަފާތު ކުޑަކޮށްދިނީ 52 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ލިއޮނަލް މެސީ އެވެ. އަދި 74 ވަނަ މިނެޓުގައި ބިލްބާއޯގެ ރައުލް ގާސިއާ އަށް އަދި 80 ވަނަ މިނެޓުގައި އިޓުރާސްޕޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކި ނަމަވެސް ބާސެލޯނާ އަށް އެޑްވާންޓޭޖެއް ނުނެގުނެވެ. މެޗުގެ ފަހު ވަގުތުގައި މެސީ ފޮނުވާލި ހަމަލައެއް ގޯލް ދަނޑިއަށް އަމާޒުވި އެވެ.
"މެޗުގެ ކުރީކޮޅު އަހަރެމެންނަށް ނުކުޅެވުނު. ދެ ވަނަ ހާފުގައި އަހަރެމެން ކޮންޓްރޯލް ނެގިން. މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ހައްގުވާވަރު ކުރިން. ހާއްސަކޮށް ބިލްބާއޯ އިން ދެ ކުޅުންތެރިޔަކު މަދުވުމުން މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދެން ޖެހޭ،" ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުންޏެވެ.
ފިނިމޫސުމުގެ ޗުއްޓީ އަށް ފަހު ހޯމަ ދުވަހު ޓީމާ ގުޅުނު ނަމަވެސް ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި މެސީގެ އިތުރުން ނޭމާ އަދި ލުއިސް ސުއަރޭޒް ވެސް ހިމެނުނެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެރެ އެވެ.
މިއީ ނުވަ ސީޒަނުގެ ތެރޭގައި ބާސެލޯނާ އާއި ބިލްބާއޯ މުބާރާތުގައި ބައްދަލުކުރާ ވަނަ ފަހަރެވެ. މީގެ ކުރިން ތިން ފައިނަލެއްގައި މި ދެ ޓީމު ބައްދަލުކުރި އެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މި މުބާރާތުން 2008 ގެ ފަހުން ކަޓުވާލި ހަމައެކަނި ޓީމަކީ ރެއާލް މެޑްރިޑެވެ. --ބީބީސީ