12 ސެޕްޓެމްބަރ 2022 - 11:08

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ ޓަވަރެއްގެ މަތިން އެއްޗެހިތަކެއް އިއްޔެ އުކީ އެ ތަނުގައި ދިރިއުޅޭ ނަފްސާނީ ބަލިމީހެއް ކަމަށް އޭނާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފި އެވެ.
މީގެ ކުރިން ވެސް އޭނާގެ ފަރާތުން އެ ފަދަ ކަންކަން ހިނގާފައިވާ ކަމަށާއި ރުޅި ކޮންޓްރޯލް ނުކުރެވި ތަކެއްޗަށް ގެއްލުން ދޭ ކަމަށް އޭނާ ކިޔައިދިނެވެ. އެނގިފައިވާ ގޮތުގައި އެއީ 42 އަހަރުގެ ދިވެހި އަންހެނެކެވެ.
ހިޔާ ފްލެޓުގެ ހަތަރުވަނަ ފްލެޓުގެ 17 ވަނަ ބުރީގައި ދިރިއުޅޭ އެ މީހާ ބެލްކަނިން ބޭރަށް އެއްޗެހި އުކާ ވީޑިއޯއެއް އިއްޔެ އާންމުވެފައި ވާއިރު އެއިން ފެންނަ ގޮތުގައި ޑަބިޔަލާއި ޑަސްބިނާއި އަންނައުނާއި ވަޅި ވެސް ވަނީ އުކައިފަ އެވެ.
އޭނާ އުކި އެއްޗެހިތަކުގެ ތެރެއިން ޑަބިޔަލަކުން ޖެހި ކާރެއްގެ ކުރީ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. ޕިކަޕެއްގެ ބިއްލޫރިގަނޑު ވެސް ޓައްޕަކުން ޖެހި ތެޅިފައި ވާއިރު އިތުރު ކާރެއްގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.
އެއްޗެހި އުކި މީހާ ހައްޔަރު ކުރި ކަމަށް އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނި ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ހައްޔަރު ނުކުރާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.