12 ސެޕްޓެމްބަރ 2022 - 10:09

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" ޕްރޮމޯޓުކުރުމަށް ތަފާތު ހަރަކާތްތަކަކާ އެކު ބޭއްވި ޕްރީ ޝޯ އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު، ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި އެ ޝޯ ބޭއްވީ އާންމުން ބައިވެރިކޮށްގެންނެވެ.

އެ ހަރަކާތުގައި ބްރޯޑްކާސްޓު އެވޯޑުގައި ބައިވެރިވާ އެކި ކުންފުނިތަކުން ބައިވެރިވެ، އެކި ސްޓޯލުތައް ތައްޔާރުކޮށް، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ބޭއްވި އެވެ. އެ އިވެންޓުގައި ބޮޑުބެރާއި، ޒުމްބާ އަދި ކުޑަކުދިންނަށް ހާއްސަ ކަރާޓޭގެ ހަރަކާތްތަކެއް ފެނުނެވެ. އަދި ބައެއް ސްޓޯލްތަކުން ކުންފުނިތަކުގެ ޕްރޮޑަކްޓުތައް ދެއްކުމާއި، ހިލޭ ބައެއް ތަކެތި ވެސް ބެހި އެވެ.
އެ އިވެންޓުގައި އެ އެވޯޑްގެ ޓައިޓަލް ސްޕޮންސަރު އެމްޓީސީސީން ވަނީ، ދާދިފަހުން އެ ކުންފުނިން ތައާރަފު ކުރި އާރުޓީއެލް ބަހުގެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު ދީފަ އެވެ. އަދި ލިޓަސްގެ ސްޓޯލްއިން ވަނީ 500 އަށްވުރެ ގިނަ ހެލްމެޓް އެތަނަށް ޒިޔާރަތްކުރި މީހުންނަށް ވަނީ ބަހައިފަ އެވެ.
އެ އިވެންޓުގައި ސްޓެލްކޯގެ ސްޓޯލުން އިން ހިލޭ ލެޑްބޮކި ބެހި އިރު، އުރީދޫ، ފެނަކަ، ކްރޯ މޯލްޑިވްސް އަދި މެޑްޓެކްގެ ސްޓޯލުން ވެސް ވަނީ، އެތަންތަނުގެ ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތަކެއް ދީ ކުޑަކުދިންނަށް ވެސް ހާއްސަ ކުޅިވަރު އައިޓަމްތަކެއް ބާއްވައިފަ އެވެ.
އެ އިވެންޓުގައި ޑްރިފް އެސޯސިއޭޝަން އިން ތަފާތު އެކި ކާރުތައް ދައްކާލައި، އެ ކާރުތަކާ އެކު އާންމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދިނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރެ އެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބާއްވާ އެ އެވޯޑު ޝޯ އަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން ޖަޖިން ޕެނަލުގެ މަސައްކަތްތައް ނިންމައި، މާކްސް ޝީޓް އޮޑިޓް ޕާޓްނަރާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.
އެ އެވޯޑުގެ އެސޯސިއޭޓް ޕާޓްނަރަކީ އެމްޓީސީސީ އެވެ. އޮފިޝަލް ސްޕޮންސަރުންނަކީ ސްޓެލްކޯ އަދި އެފްއެސްއެމް އެވެ. އަދި ހޮސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ. އޮޑިޓް ޕާޓްނަރަކީ ކްރޯ މޯލްޑިވްސް އަދި އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ.
އެ އެވޯޑުގެ ވަކިވަކި އެވޯޑުތައް ސްޕޮންސާ ކުރި ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ، ފެނަކަ، އެމްޕީއެލް، މޯލްޑިވިއަން، އަލްޝާލީ މެރިން، މެޑްޓެކް އަދި ލިޓަސް ހިމެނެ އެވެ.