އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް ނާޒިމް އިއުތިރާފްވެއްޖެ
އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް ނާޒިމް އިއުތިރާފްވެއްޖެ

ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ވަކީލް ނާޒިމް ސައްތާރު މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފްވެއްޖެ އެވެ.

ނާޒިމަށް ކޮށްފައިވާ ދައުވާގައި ބުނެފައިވާ ގޮތުގައި ނާޒިމާއި އަލަމްގީރް އެއްޖިންސުން ގުޅުން ހިންގާފައި ވަނީ 2021 ވަނަ އަހަރުގެ ދުވަހެއްގައި، އަލަމްގީރުގެ ކޮޓަރީގަ އެވެ.

ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތް ހިންގަނީ ސިއްރުން ކަމަށް ވާތީ ނާޒިމްގެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނާޒިމްގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އިއުތިރާފްވުމާ އެކު މި ހަފްތާގައި ހުކުމް ކުރަން ކޯޓުން ވަނީ ނިންމައިފަ އެވެ.

މި މައްސަލާގައި ހިމެނޭ އަލަމްގީރު ވެސް އޭނާގެ މައްޗަށް އިއްވި ތިން ދައުވާއަށް ވަނީ އިއުތިރާފް ވެފަ އެވެ. ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ވާތީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

މި މައްސަލާގައި ހިމެނޭ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ލިބޭ އަދަބު އެތައް ގުނައެއް ބޮޑުވާނެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނަމަ ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ. ނުރުހުމުގައި ނަމަ އެކަން ކުރި މީހަކަށް 7-10 އަހަރުގެ ޖަލު ހުކުމެކެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ވެސް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާކޮށްފަ އެވެ. މި މީހުންގެ އިތުރުން ވެސް އެތައް ބަޔަކު އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށް ތަހުގީގު އަންނަނީ ކުރަމުންނެވެ.