11 ސެޕްޓެމްބަރ 2022 - 14:17

ހިޔާގެ ހަތަރު ވަނަ ޓަވަރުގެ 17 ވަނަ ފްލޯގެ ފްލެޓަކުން އެއްޗެހިތަކެއް އުކާލުމުން، ތިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ހަތަރު ވަނަ ޓަވަރުގެ ކުރިމަތީގައި ހުރި ފްލެޓެއްގައި އުޅޭ ބަޔަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އެއިން ފެންނަ ގޮތުގައި، ޑަބިޔަލާއި ޑަސްބިނާއި އަންނައުނު ވެސް ބެލްކަނިން ބޭރަށް އުކި އެވެ.
އެތައް ބަޔަކު ތިރީގައި ހިނގާބިނގާވެ އުޅެނިކޮށް އެއްޗެހި އުކި ނަމަވެސް މީހަކަށް އަނިޔާވިކަން އެނގިފައެއް ނުވެ އެވެ. ނަމަވެސް ތިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.
ކާރެއްގެ ކުރީ ބިއްލޫރިގަނޑު މައްޗަށް ޑަބިޔާ ވެއްޓި ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެންގޮސްފައިވާއިރު ޕިކަޕެއްގެ ބިއްލޫރިގަނޑު ވެސް ޓައްޕަކުން ޖެހި ތަޅައިގެންގޮސްފައިވެ އެވެ.
އެހާ މަތިން ބަރު ސާމާނުތަކެއް އުކާލީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށާއި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުޑައިރުކޮޅެއް ކުރިން ގެންގޮސްފައިވާ ކަމަށް ފްލެޓްގައި އުޅޭ މީހުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.