11 ސެޕްޓެމްބަރ 2022 - 14:32

މާލޭގައި އެކަށީގެންވާ ދިރިއުޅެއް އުޅެން އެންމެ މަދުވެގެން މަހަކު 46،000ރ. ގެ އާމްދަނީއެއް ބޭނުންވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން އާންމުކޮށްފައިވާ، "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު" ގައިވާ ގޮތުން މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ހޯދުމަކީ މެދުފަންތީގެ ދިރިއުޅެއް އުޅޭ މީހުންނަށް ކުޅަދާނަ ކަމެއް ނޫނެވެ. މާލޭގައި އެންމެ އާދައިގެ ދެ ކޮޓަރީގެ އެޕާޓްމެންޓެއް ގަތުމަށް އެންމެ މަދުވެގެން 1.8 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. މި ހަރަދު މި ވަގުތު ކުރެވޭނީ ރާއްޖޭގެ އެންމެ މުއްސަނދި ދިރިއުޅުން އުޅޭ ފަރާތްތަކަށް ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭގައި މުއްސަނދިންގެ އާމްދަނީއަކީ މަހަކު 57،000ރ. އެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، ބޯހިޔާވަހިކަމެއް ހޯދުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން، މާލެ ސަރަހައްދުގައި ދިރިއުޅޭ 74 ޕަސެންޓް ގޭބިސީތަކުން ދިރިއުޅެނީ ކުއްޔަށެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް އެކި ސަރުކާރުތަކުން ހައުސިން ޕްރޮޖެކްޓްތައް ހިންގާފައި ވާއިރު ފްލެޓް އަޅަން ބޭރުގެ މާލީ އިދާރާތަކުން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ސަރުކާރުން ހޭދަކޮށްފައިވެ އެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ ފަސް ބައި ކުޅަ އެއްބަ އެވެ.
ބޯހިޔާވަހިކަމަށް އެންމެ ގިނަ އަދަދެއްގެ ލޯނު ނަގާފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ. އަދި އެންމެ ގިނައިން ލޯނު ހޯދަފައިވަނީ ޗައިނާއިންނެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓުގައިވާ ގޮތުން ދައުލަތުން އެހާ ބޮޑަށް ހަރަދުކުރާއިރު ވެސް ބޯހިޔާވަހިކަމަށް ހައްލެއް ނުލިބި ވަނީ ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ ޕްލޭނެއް މިކަމުގައި ނެތުމުން ކަމަށެވެ.