"ދަ މެންހެޓަން ފިޝް މާކެޓް" ރެސްޓޯރަންޓް މި މަހުގެ ފަހުކޮޅު ހުޅުމާލޭގައި ހުޅުވަނީ
"ދަ މެންހެޓަން ފިޝް މާކެޓް" ރެސްޓޯރަންޓް މި މަހުގެ ފަހުކޮޅު ހުޅުމާލޭގައި ހުޅުވަނީ

ސީފުޑްގެ ރަހަތަކަށް ދުނިޔޭގައި އެންމެ މަޝްހޫރު ރެސްޓޯރަންޓް ފްރެންޗައިސް، "ދަ މެންހެޓަން ފިޝް މާކެޓް"ގެ ތަނެއް މި މަހުގެ ފަހުކޮޅު ހުޅުމާލޭގައި ހުޅުވަން ނިންމައިފި އެވެ.

ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން މި ރެސްޓޯރަންޓް ރާއްޖޭގައި ހުޅުވާ ސިލްވާ ސްޕޫންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި އަލަށް ހަދާ "ސެންތްރޯ" މޯލްގެ ޓެރަސްގައި ހަދާ ރެސްޓޯރަންޓްގައި 150 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އެތަނުގައި 45 މުވައްޒަފަކު މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން. މި މަހުގެ ފަހުކޮޅު ހިދުމަތް ދޭން ފަށާއިރު، އެހެން ގައުމުތަކުގައި ހުޅުވާފައިވާ މި ބްރޭންޑުގެ ރެސްޓޯރަންޓްތަކާ އެއް ފެންވަރަކަށް ހިދުމަތް ދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރެސްޓޯރަންޓުން އެންމެ މަތީ ފެންވަރުގެ ސީފުޑްގެ ވައްތަރުތަކުގެ ރަހަތައް ލިބެން ހުންނާނެ އެވެ. އެކަމަކު ކުކުޅުގެ މަހުން ތައްޔާރުކޮށްފައިވާ ތަކެތި މަދުން ނަމަވެސް ލިބެން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ގިނަ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން އަބަދު ވެސް ބޭނުންވޭ ރާއްޖެ އަށް ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓެއް ގެންނަން. މި ތަނުން ލިބެން ހުންނާނެ މި ސަރަހައްދުން ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު ސީފުޑްގެ ރަހަތައް،" މާލޭގައި ހުންނަ ރާނބާ ރެސްޓޯރަންޓް ވެސް ހިންގާ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެސްޓޯރަންޓް ހުޅުވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

"ދަ މެންހެޓަން ފިޝް މާކެޓް"ގެ ރެސްޓޯރަންޓެއް ރާއްޖޭގައި އަލަށް ހުޅުވާއިރު، މި ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް މި ބްރޭންޑްގެ ރެސްޓޯރަންޓުތައް ހުރެ އެވެ.