11 ސެޕްޓެމްބަރ 2022 - 11:54

އިޓާލިއަން ލީގުގައި ރޭ ޗެމްޕިއަން އޭސީ މިލާނުން އެކަކު މަދުކޮށް ކުޅެ ސަމްޕްޑޯރިއާ އަތުން 2-1 އިން މޮޅުވިއިރު، އިންޓަ މިލާނާއި ނަޕޯލީ ކުޅުނު މެޗުތަކުން ފަހު ވަގުތު މޮޅުވެއްޖެ އެވެ.
އިންޓަ މޮޅުވީ އަމިއްލަ ދަނޑުގައި ޓޮރިނޯ އަތުން 1-0 އިންނެވެ. ނަޕޯލީ އަމިއްލަ ދަނޑުގައި ސްޕެޒިއާ އަތުން މޮޅުވީ ވެސް އެ ނަތީޖާ އިންނެވެ.
މި ނަތީޖާތަކާ އެކު ހަ މެޗުން 14 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ނަޕޯލީ އެވެ. ހަ މެޗުން އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ މިލާނެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެޓަލާންޓާ އެވެ. އެ ޓީމުން މިއަދު ކްރެމޮނޭސީ އަތުން މޮޅުވެގެން އެއް ވަނަ އަށް އެރޭނެ އެވެ. އިންޓަ އޮތީ ހަ މެޗުން 12 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.
ރަށުން ބޭރުގައި ސަމްޕްޑޯރިއާއާ ދެކޮޅަށް މިލާން ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި ޖޫނިއާ މެސިއަސްގެ ގޯލުން އެ ޓީމު ލީޑު ނެގި އެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު މިލާނުގެ އިތުބާރު ކުޅުންތެރިޔާ ރަފައެލް ލިއާއޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުން އެ ޓީމު ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ.
މިލާނުގެ އެކަކު މަދުވުމުގެ ފައިދާ ނަގައި ސަމްޕްޑޯރިއާގެ ފިލިޕް ޑުރިސިޗް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މިލާން މޮޅުވީ 67 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން އޮލިވާ ޖިރޫ ޖެހި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން ސަމްޕްޑޯރިއާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޓޮރިނޯ އަތުން އިންޓަ މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ މާސެލޯ ބްރޮޒޮވިޗެވެ.
ސްޕެޒިއާ ކޮޅަށް ނަޕޯލީގެ ލަނޑު ޖެހީ އިޓަލީގެ އުއްމީދީ ފޯވާޑް ޖިއަކޯމޯ ރަސްޕަޑޯރީ އެވެ. ނަޕޯލީ އަށް ދެން އޮތީ މިލާނާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗެވެ.