އާސެނަލް ޓީމަށް ރާނީ ދެއްވި ހަވީރުގެ ސައިފޮދު
އާސެނަލް ޓީމަށް ރާނީ ދެއްވި ހަވީރުގެ ސައިފޮދު

ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނަ އަކީ، ކުޅިވަރާ ގުޅުން ބޭއްވެވި ބޭކަނބަލެކެވެ. އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި ކުޅިވަރުގެ ބައެއް ހަރަކާތްތައް، ހާއްސަކޮށް އިނގިރޭސި ވިލާތުގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއް ވަނީ މެދުކަނޑާލައިފަ އެވެ.

އާސެނަލް ޓީމަށް ރާނީ ދެއްވި ހަވީރުގެ ސައިފޮދު
އާސެނަލް ޓީމަށް ރާނީ ދެއްވި ހަވީރުގެ ސައިފޮދު

ބުނެވޭ ގޮތުގައި ރާނީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލްގެ ސަޕޯޓަރެކެވެ. އެކަމަށް ބާރު ލިބެނީ އެކަމަނާ، އެ ކްލަބަށް ދެއްވެވި ހާއްސަ ޝަރަފެއްގެ ސަބަބުންނެވެ.

އާސެނަލް ޓީމަށް ރާނީ ދެއްވި ހަވީރުގެ ސައިފޮދު
އާސެނަލް ޓީމަށް ރާނީ ދެއްވި ހަވީރުގެ ސައިފޮދު

އާސެނަލުން ކުރިން ބޭނުންކުރަމުން އައި ސްޓޭޑިއަމް ކަމަށްވާ ހައިބަރީގެ ބަދަލުގައި 2006 ގައި މިހާރުގެ އެމިރޭޓްސް ސްޓޭޑިއަމް ބޭނުންކުރަން ފަށަންވެގެން އެތަން ހުޅުވަން ދައުވަތު ދެއްވީ ރާނީ އަށެވެ. އެކަމަކު ސިއްހީ ހާލުކޮޅުގެ ސަބަބުން ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އެކަމަނާގެ ބަދަލުގައި ސްޓޭޑިއަމް ހުޅުވައިދެއްވެވީ ފިރިކަލުން ޕްރިންސް ފިލިޕް އެވެ.

އެކަމަކު ކޮންމެވެސް ގޮތަކުން އާސެނަލަށް ބަދަލެއް ދެއްވަން ރާނީ ބޭނުންފުޅުވެވަޑައިގަތެވެ. އެހެންވެ އެކަމަނާ ކުރެއްވެވި ކަމަކީ، ބަކިންހަމް ޕެލަސް އަށް ހަވީރުގެ ސައިފޮދަކަށް އާސެނަލްގެ ޓީމަށް ދައުވަތު ދެއްވުމެވެ.

އެ އެ ދައުވަތު ބަލައިގަނެ އާސެނަލްގެ ޓީމުން 2007 ވަނަ އަހަރުގެ ފެބްރުއަރީ ބަކިންހަމް ޕެލަސް އަށް ދިޔަ އެވެ. އެންމެ ފުރަތަމަ އޮތީ ގަނޑުވަރުގެ ޓުއާ އެކެވެ. އެއަށް ފަހު ރާނީގެ އަރިހުގައި ކުޅުންތެރިންނާއި އޮފިޝަލުން ހަވީރުގެ ސައިފޮދަކަށް އިންސާފުކުރެއްވި އެވެ.

އެއާ އެކު އާސެނަލް ވެފައިވަނީ ރާނީގެ ދައުވަތަށް ބަކިންހަމް ޕެލަސް އަށް ދިއުމުގެ ޝަރަފް ލިބުނު ފުރަތަމަ ފުޓްބޯޅަ ޓީމަށެވެ.

އެ ބައްދަލުވުމުގައި ރާނީ އަށް އާސެނަލްގެ ކުޅުންތެރިން ތައާރަފުކޮށްދިނީ އޭރުގެ ކެޕްޓަން ތިއަރީ އޮންރީ އެވެ.

"ރާނީ އަހަރެމެންނަށް މި ދެއްވި ތަޖުރިބާ ސިފަކޮށްދޭނެ ގޮތެއް އަހަންނަށް ނޭގޭ،" އޮންރީ ބުންޏެވެ.

އިނގިރޭސި ތަހުތުގައި އެލިޒަބަތު ރެދަލި ކުރެއްވި 70 އަހަރުގެ ތެރޭގައި އެ ގައުމުގައި އޮތް ކުޅިވަރުގެ ހާއްސަ ހަރަކާތްތަކުގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން އެންމެ ހާއްސައީ އިނގިރޭސީންނަށް މިހާތަނަށް ލިބުނު ހަމައެކަނި ވޯލްޑް ކަޕް ކަމަށްވާ 1966 ވަނަ އަހަރުގެ މުބާރާތުގެ ތަށި ކެޕްޓަން ބޮބީ މުއާއާ ހަވާލުކޮށްދެއްވަން ވަޑައިގަތުމެވެ.

މީގެ އިތުރުން 1977 ގެ ވިމްބަލްޑަން ފައިނަލާއި 1991 ގެ ރަގްބީ ވޯލްޑް ކަޕުގެ ފައިނަލް ހިމެނެ އެވެ. އަދި އިންގްލެންޑުގައި 1996 ގައި އޮތް ޔޫރޯގެ ފައިނަލަށް ފަހު ޗެމްޕިއަން ޖަރުމަނުގެ ކެޕްޓަން ޔާގެންން ކްލިންސްމަން އަށް ތަށި ހަވާލުކޮށްދެއްވެވީ ވެސް ރާނީ އެވެ.

އެކަމަނާ ރަނިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ވަލީއަހުދުގެ ގޮތުގައި ހުންނެވި އިރު 1949 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކަށް ވަޑައިގެންނެވި އެވެ.

އެލިޒަބަތު ވަނީ އެކަމަނާ ދެއްވާ ނައިޓްހުޑްގެ ޝަރަފް ފުޓްބޯޅައިގެ ޝަހުސިއްޔަތުންނަށް ވެސް ދެއްވައިފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އާއި އިންގްލެންޑުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ސްޓެންލީ މެތިއުސް އާއި 1996 ގެ ވޯލްޑް ކަޕް ހޯދައިދިން ކޯޗު އަލްފް ރަމްސޭ އަދި ލެޖެންޑްރީ ކޯޗު ބޮބީ ރޮބްސަން ހިމެނެ އެވެ.