11 ސެޕްޓެމްބަރ 2022 - 10:14

ތ. ވޭމަންޑޫ ގޮނޑުދޮށަށް ލެއްގި ފައިބަރު ބޯޓުގެ ވެރިފަރާތް ހޯދަން އިއުލާންކުރިތާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އޭގެ ވެރިޔަކު އަދިވެސް ހަބަރެއް ނުވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ބޯޓު ގޮނޑުދޮށަށް ބޯޓު ލައްގާފައި އޮތުމުން، އެ ސަރަހައްދުގެ ތިމާވެއްޓަށާއި ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރުބޮޑުވެފައި ވާތީ، އެ ބޯޓު ވެރިފަރާތް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރި ނަމަވެސް އެކަން ކާމިޔާބުނުވުމުން، ވެރިޔަކު ހޯދަން އިއުލާންކުރީ މިދިޔަ މަހު އެވެ. އޭގެ ފަހުން، ދެ ހަފުތާވީއިރު ވެސް ވެރިޔަކު ނުވާ ކަމަށް ކައުންސިލުން "މިހާރު" އަށް ބުންޏެވެ.
އޭގެ ވެރިޔަކު ނުވެއްޖެ ނަމަ، އިއުލާންކުރިތާ 30 ދުވަސް ފަހުން ބޯޓު ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ. އެ މުއްދަތު މި މަހު 22 އަށް ހަމަވާނެ އެވެ.
"ސިންދިތާ ނ. 702" ކިޔާ އެ ބޯޓު އޮތީ ވަރަށް ބޮޑަށް ބާވެ، ހަލާކު ވެސް ވެފަ އެވެ. އެ ބޯޓުގައި ރަޖިސްޓްރީ ނަންބަރެއް ވެސް ނެތެވެ. އެ ބޯޓަކީ އެ ރަށުގެ ހުޅަނގު ފަރާތު ފަޅުގައި ވަރަށް ކުރިންސުރެ އަޅާފައި އޮންނަ ބޯޓެކެވެ. އެކަމަކު، މިދިޔަ ޖުލައި މަހު އެ ބޯޓުގެ ވާތައް ކަނޑައިގެން ގޮސް، އެ ރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށް ލެއްގި އެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓަކީ 2010 ވަނަ އަހަރު، ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް މިފްކޯއިން ރާއްޖެ އަށް ގެނައި ބޯޓުތަކުގެ ތެރެއިން އެއް ބޯޓެވެ. އޭގެ ފަސް ބޯޓު ރާއްޖެ އަށް ގެނަ އެވެ. އޭގެ ބައެއް ބޯޓުގައި މާލޭ ހުޅަނގުފަރާތު ފަޅުގައި ވެސް ކުރިން އޮތެވެ.
އެކަމަކު މިފްކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނީގެ ރަޖިސްޓްރީގައި މިހާރު އެއްވެސް ބޯޓެއް ނޯންނާނެ ކަމަށެވެ. އެ ކުންފުނީގެ ރަޖިސްޓްރީގައި ކުރިން ހުރި ބޯޓުތައް އެހެން ކުންފުންޏެއްގެ ނަން މައްޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.