11 ސެޕްޓެމްބަރ 2022 - 09:26

ޕެރިސް (ސެޕްޓެމްބަރު 11) - ޕީއެސްޖީ އިން ފްރާންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-0 އިން ބްރެސްޓް ބަލިކޮށްފި އެވެ.

ޕީއެސްޖީ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު، ލިއޮނެލް މެސީ ދިން ޕާހަކުން ޖެހީ ނޭމާ އެވެ. މިއީ ނޭމާ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން އޭނާ ކާމިޔާބުކުރި އަށް ވަނަ ގޯލެވެ.
ނޭމާގެ މި ގޯލާ އެކު އޭނާ ވަނީ ޕީއެސްޖީ އަށް 110 ލަނޑު ހަމަކޮށްދީ، ޕީއެސްޖީގެ ތާރީހުގައި އެ ޓީމަށް ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފަ އެވެ. ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދީފައި ވަނީ 200 ގޯލު ޖަހައިފައިވާ އެޑިންސަން ކަވާނީ އެވެ. ކިލިއަން އެމްބާޕޭ 180 ލަނޑު ޖަހައިައި ވާއިރު، ލިސްޓުގެ ތިންވަނައިގައި އޮތީ 156 ލަނޑު ޖަހައިފައިވާ ޒަލަޓާން އިބްރަހިމޮވިޗެވެ.
ނޭމާ އާއި މެސީ އަދި އެމްބާޕޭ އަށް ވެސް ލީޑު ފުޅާކުރަން ފުރުސަތު ލިބި، ލަނޑެއް ނުޖެހުނު އިރު، އެޓީމުގެ ޕްރެސްނެލް ކިމްޕެމްބޭ ކުރި ފައުލަކަށް ބްރެސްޓަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނިޓުގައި އިސްލާމް ސްލިމާނީ ފޮނުވާލި ޕެނަލްޓީ ދިފާއުކުރީ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ އެވެ.
ޕީއެސްޖީ އިން ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެފައި ވާއިރު، އެއްވަނައިގައި އޮތީ 19 ޕޮއިންޓް ހޯދައި، ފައިދާ 21 ގޯލާ އެކު އެވެ. ދެވަނައިގައި އޮތް މާސޭ ވެސް ވަނީ އަމިއްލަ ދަނޑުގައި ރޭ ފަހަތުން އަރައި ލިލް ބަލިކޮށް، 19 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް މާސޭ އަށް ލިބިފައި ވަނީ ފައިދާ ހަތަރު ގޯލެވެ.
ލިލް އާ ދެކޮޅަށް ކުޅުނު މެޗު، މާސޭ ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ 11 ވަނަ މިނިޓުގައި ލިލްގެ އިސްމާއިލީ ލީޑު ނަގައިދީފައި ވަނިކޮށް، އެއްވަރުކުރީ 25 ވަނަ މިނިޓުގައި އެލެކްސިސް ސަންޗޭޒް ޖަހައިދިން ލަނޑުންނެވެ. އަދި މޮޅުވި ލަނޑު 60 ވަނަ މިނިޓުގައި ޖަހައިދިނީ ސެމިއުލް ޖިގޮޓް އެވެ.
ޕީއެސްޖީ އާއި މާސޭ ވެސް މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ. ދެ ޓީމު ވެސް އެއް މެޗު އެއްވަރު ވެފައި ވާއިރު، ޕީއެސްޖީ ހުއްޓުވީ މޮނާކޯ އިންނެވެ. އަދި މާސޭ އެއްވަރުވީ، ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗުންނެވެ.