11 ސެޕްޓެމްބަރ 2022 - 09:38

މިއުނިކް (ސެޕްޓެމްބަރު 11) - ފާއިތުވި 10 ސީޒަނުގައި ބުންޑެސްލިގާގެ ޗެމްޕިއަންކަން ހޯދި ބެޔާން މިއުނިކް، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން އެއްވަރު ވިޔަސް، ޕްރެޝަރެއް ނެތް ކަމަށް ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.

ބެޔާނުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން ސްޓުޓްގާޑުން އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 36 ވަނަ މިނިޓުގައި ބެޔާން އަށް ލީޑު ނަގައިދިނީ އުމުރުން 17 އަހަރުގެ ފޯވާޑް މެތީސް ޓެލް އެވެ. އަދި 57 ވަނަ މިނިޓުގައި ކްރިސް ފަޚްރިޗް، ސްޓުޓްގާޑަށް އެއްވަރު ކޮށްދިން ނަމަވެސް، ދެ މިނިޓު ފަހުން އުމުރުން 19 އަހަރުގެ ޖަމާލް މުސިއަލާ ވަނީ ބެޔާނަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު މެތިއުސް ޑި ލިޓް އޭރިއާ ތެރެއިން ކުރި ކުށަކަށް ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރު ބެލުމަށް ފަހު އެވެ. ލޯނު އުސޫލުން ސްޓުޓްގާޑަށް ކުޅޭ ގިނީގެ ފޯވާޑް ސާހޫ ގިރާސީ އަށް ކުރި ފައުލަކަށް ދިން މި ޕެނަލްޓީ ކާމިޔާބު ކުރީ ވެސް އޭނާ އެވެ.
"ޕްރެޝަރު؟ އަހަރެންނަކަށް ނޭނގޭ ޕްރެޝަރު ބޮޑުވެއްޖެ ކަމެއް. ޕްރެޝަރު އަންނާނީ އަބަދުވެސް ދަނޑު ބޭރުން. އަހަރެމެން އަނެއްކާވެސް މަސައްކަތް ކުރާނީ، ފަރިތަކުރުންތަކަށް ފަހު އިދިކޮޅު ޓީމު އެނަލައިޒްކޮށް، ބާސެލޯނާއާ ދެކޮޅަށް ރަނގަޅު ޕްލޭނަކާ އެކު ނުކުންނަން،" ނާގެލްސްމަން ބުންޏެވެ.
"ފުރަތަމަ 30 މިނިޓުގައި އަހަރެމެންގެ ކުޅުން ވަރަށް ދަށް، އެކަމަކު ޗެމްޕިއަންސް ލީގު މެޗަކަށް ފަހު އެއީ ވެދާނެ ކަމެއް. އޭގެ ފަހު 15 މިނިޓުގައި އަހަރެމެން ވާނީ ކުޅުން ރަނގަޅުކޮށް ލީޑު ނަގައިފައި. ދެ ވަނަ ހާފުގައި ތިންވަނަ ލަނޑެއް ޖަހައި މޮޅެއް ޔަގީން ކުރަން ފުރުސަތު ލިބި، ނާކާމިޔާބު ވީ. އެހެންވެ ޕޮއިންޓަކުން ފުއްދާލަން މި ޖެހުނީ."
ބެޔާން އިން ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ފަސޭހަ މޮޅެއް ހޯދި ނަމަވެސް ފަހުން ކުޅުނު ތިން މެޗުން ވެސް ވީ އެއްވަރެވެ. މިއީ 2009/2010 ސީޒަނަށް ފަހު ލީގުގައި ބެޔާން މިއުނިކް ޖެހިޖެހިގެން ތިން މެޗުން އެއްވަރުވި ފުރަތަމަ ފަހަރެވެ.
ބެޔާން އެންމެ އަވަހަށް ދެން ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ވަނީ ރަށުން ބޭރުގައި އިޓަލީގެ އިންޓަ މިލާން ބަލިކޮށްފަ އެވެ.
މިއާ އެކު ބެޔާނަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ހޮފެންހެއިމް އާއި ތިން ވަނައިގައި އޮތް ފްރެއިބާގް އަދި، ހަތަރުވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ވަނި 12 ޕޮއިންޓް ލިބިފަ އެވެ.
ހޮފެންހެއިމް އިން އަމިއްލަ ދަނޑުގައި 4-1 އިން މެއިންޒް ބަލިކުރި އިރު، މެއިންޒް އޮތީ 10 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ޑޯޓްމަންޑް ވަނީ އާރުބީ ލައިޕްޒިގު އަތުން ރަށުން ބޭރުގައި 3-0 އިން ބަލިވެފަ އެވެ. މިއީ ޑޯޓްމަންޑް މި ސީޒަނުގައި ލީގުގައި ބަލިވި ދެވަނަ މެޗެވެ.
ފްރެއިބާގުން އަމިއްލަ ދަނޑުގައި މިރޭ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް ނުކުންނައިރު، މެޗުން މޮޅުވެގެން ލީގު ޓޭބަލްގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ.
މީގެ އިތުރުން 11 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް ޔޫނިއަން ބާލިން އާއި، ނުވަ ޕޮއިންޓާ އެކު ހަތްވަނައިގައި އޮތް އެފްސީ ކޯން ވެސް މިރޭ ބައްދަލު ކުރާނެ އެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، ލީގުގެ ހަތްވަނަ މެޗުގައި ރަށުން ބޭރުގައި ބެޔާން ނުކުންނާނީ އޮގްސްބާގާ ދެކޮޅަށެވެ.