10 ސެޕްޓެމްބަރ 2022 - 16:27

ދެކުނު އޭޝިއާގެ ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރު ކުރަން ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނިޝިއޭޓިވް (ސާފީ) އެއް އުފައްދައިފި އެވެ.
އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އަފީ) އިން އިސްނަގައިގެން އުފެއްދި ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނީޝިއޭޓިވް (ސާފީ) އުފެއްދީ ޖޯޑަންގައި ކުރިއަށްދާ އަފީގެ ގްލޯބަލް ޕޮލިސީ ފޯރަމްގަ އެވެ. މި އިނީޝިއޭޓިވް ޗެއާ ކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިންނެވެ.
މި އިނީޝިއޭޓިވް އުފެއްދުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މާލީ ބައިވެރިމުވާ ގުޅޭ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި އެކަމާ ގުޅޭ ޕޮލިސީތައް އެކުލަވާލުމުގައި ސަރަހައްދީ ގައުމުތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ސާފީގެ މައިގަނޑު މަގްސަދަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމެވެ. އަދި މި ސަރަހައްދުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމެވެ.
ސަރަހައްދީ ގައުމުތަކުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުތައް ދެނެގަނެ މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަކީ ސާފީގެ އުފެއްދުމުގެ މުހިންމު މަގްސަދެކެވެ.