އެއްބަސްވުމުގައި ސޮއިކުރަން ނުދާ މީހުންގެ އަތުން ހިޔާ ފްލެޓު އަތުލަނީ
އެއްބަސްވުމުގައި ސޮއިކުރަން ނުދާ މީހުންގެ އަތުން ހިޔާ ފްލެޓު އަތުލަނީ

ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓް އެއްބަސްވުމުގައި ސޮއިނުކުރާ މީހުންނަށް އެންމެ ފަހުގެ ފުރުސަތު ދީ، ސޮއިކުރަން ނުދާ ނަމަ ފްލެޓު އަތުލަން ސަރުކާރުން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފްލެޓު އެގްރީމަންޓުގައި ސޮއިކުރުމަށް ގިނަ ދުވަސްތަކެއް މިހާރު ދީފައިވާ ކަމަށެވެ.

ނަމަވެސް އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް އިތުރު ފުރުސަތެއް ދޭން ނިންމީ ކަމަށް އެ އިއުލާނުގައި ވެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަހު 29 ގެ ކުރިން އެއްބަސްވުމުގައި ސޮއިކުރަން ޖެހޭނެ ކަމަށެވެ. އެހާތަނަށް ސޮއިނުކުރާ މީހުންގެ ފްލެޓު ބާތިލު ކުރާނެ ކަމަށް ބުންޏެވެ.

މިހާތަނަށް އެއްބަސްވުމުގައި ސޮއިނުކުރާ 40 މީހެއްގެ ވަނަވަރު ވެސް ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

ހިޔާ ފްލެޓުގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، އެ ތަނުގައި ހުރި 16 ފްލެޓުގައި އެތައް އާއިލާއެއް މިހާރު ދިރިއުޅެ އެވެ.