ޗެލްސީގެ ކޯޗަކަށް ބްރައިޓަންގެ ގްރަހަމް ޕޮޓާ ހަމަޖައްސައިފި
ޗެލްސީގެ ކޯޗަކަށް ބްރައިޓަންގެ ގްރަހަމް ޕޮޓާ ހަމަޖައްސައިފި

ލަންޑަން (ސެޕްޓެމްބަރު 8) - ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމަށް ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ ހަމަޖައްސައިފި އެވެ.

އުމުރުން 47 އަހަރުގެ އިނގިރޭސި ކޯޗު ޕޮޓާ، ބްރައިޓަން ދޫކޮށް ޗެލްސީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޗެލްސީގެ އާ ވެރިންނާ އެކު ފުރަތަމަ ޓްރާންސްފާ ބާޒާރުގައި ރެކޯޑް 255.3 މިލިއަން ޕައުންޑް ހޭދަކުރުމަށް ފަހު ތޯމަސް ޓުޗެލް ޗެލްސީއަށް އިރުޝާދު ދިން 100 ވަނަ މެޗުގައި ބަލިވުމާ އެކު، ޓޮޑް ބޯލީ އިސްވެ ހިންގާ ކޮންސޯޓިއަމުން ޗެލްސީއާ ހަވާލުވިތާ 100 ވަނަ އަށް ވީ ދުވަހު؛ އިއްޔެ ވަނީ އޭނާ މަގާމުން ދުރުކޮށްފަ އެވެ.

ބްރައިޓަންގައި ޕޮޓާގެ ކޯޗިން ޓީމުގައި ހިމެނޭ އެސިސްޓެންޓް ބިލީ ރީޑް އާއި ފަސްޓް ޓީމް ކޯޗުން ކަމަށްވާ ބިޔޯން ހެމްބާގާއި ބްރޫނޯ އަދި ގޯލްކީޕަރު ކޯޗު ބެން ރޮބާޓްސް އާއި އެސިސްޓެންޓް ހެޑް އޮފް ރެކްރޫޓްމަންޓް ކައިލް މެކައުލޭ ވެސް ވަނީ އޭނާއާ އާއެކު ޗެލްސީއާ ގުޅިފަ އެވެ.

"އަހަރެން މިހުރީ ވަރަށް ފަހުރުވެރި ވެފައި، ވަރަށް އުފާވެފައި މިހުރީ ޗެލްސީ ތަމްސީލުކުރަން ފުރުސަތު ލިބުމުން،" ޗެލްސީއާ ގުޅުމަށް ފަހު ޕޮޓާ ބުންޏެވެ.

"ޗެލްސީގެ އާ ވެރިންނާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވޭ. ކުރިއަށް އޮތްތާނގައި ކުޅުންތެރިންނާ އެކު މަސައްކަތް ކޮށް، ޓީމު ކުރިއަރުވައި، ސަޕޯޓަރުން ފަހުރުވެރިވާފަދަ ކާމިޔާބަކާ ދިމާއަށް ޓީމު ގެންގޮސްދިނުމަކީ އަހަތެންގެ އުންމީދު."

މީގެ އިތުރުން ޕޮޓާ ވަނީ، އޭނާ ޗެލްސީއާ ގުޅުމުގެ ހުއްދަ ބްރައިޓަން އިން ދިނުމުން އެ ކުލަބަށް ހާއްސަ ޝުކުރެއް އަދާ ކޮށްފަ އެވެ.

"އަހަރެން މި ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި، ބްރައިޓަން އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" 2019 ވަނަ އަހަރު ބްރައިޓަންއާ ހަވާލުވި ކޯޗު ބުންޏެވެ.

ކުރިން ޑިފެންޑަރަކަށް ކުޅުނު ޕޮޓާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2010 ގައި ސްވިޑެންގެ ހަތަރުވަނަ ޑިވިޝަނުގެ ކްލަބް އޮއެސްޓާސަންޑްސް އިންނެވެ. އޭނާ ވަނީ އެޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައި ކޮށްދީފަ އެވެ. އަދި 2017 ގައި އެގައުމުގެ އެފްއޭ ކަޕް ވެސް އެ ކްލަބަށް ކާމިޔާބު ކޮށްދީ އެޓީމަށް ޔޫއެފާ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައި ދިނެވެ. އެއަށް ފަހު ސްވަންސީ ސިޓީ އަށް އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކޯޗު ކޮށްދިނެވެ. ބްރައިޓޮން އާ ހަވާލުވީ އޭގެ ފަހުންނެވެ.

ކޯޗިން ކެރިއާ ފެށުމުގެ ކުރިން އޭނާ ވަނީ 2007 ވަނަ އަހަރު އަންހެނުންގެ ފީފާ ވޯލްޑް ކަޕުގައި ވާދަކުރި ގާނާގެ ގައުމީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކޮށްފަ އެވެ.

"ގްރަހަމް [ޕޮޓާ] ޗެލްސީއަށް ގެނެވުމުން ވަރަށް އުފާވޭ. އޭނާ އަކީ ޕްރިމިއާ ލީގުގައި އޭނާގެ މަސައްކަތް ސާބިތު ކޮށްދީފައިވާ ކޯޗެއް، އަދި އޭނާ އަކީ ކުލަބުގެ ތަސައްވުރަށް ފެތޭ ކޯޗެއް،" ޗެލްސީގެ ޗެއާމަން ބޯލީ ބުންޏެވެ.

"ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ވެސް ޗެލްސީ އަކީ ކާމިޔާބު ކުލަބަކަށް ހަދައިދިނުމުގެ ގާބުލުކަން އޭނާގެ އެބަ ހުރި. އޭނާ ކުރިން މަސައްކަތް ކުރި ޓީމުތަކުގައި އެކަން ވަނީ ދައްކުވައި ދީފައި. ޗެލްސީގައި ވެސް އޭނާގެ މަސައްކަތްތަކުގެ ހެތޮ ނަތީޖާ ފެންނާނެ ކަމަށް އުންމީދު ކުރަން."

ޕޮޓާ ޗެލްސީއާ ގުޅުމުން، މި ހަފްތާ ބަންދުގައި ބްރައިޓަން އިން ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގައި ބްރައިޓަން އަށް އިރުޝާދު ދޭނީ، އެ ކްލަބްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު އެންޑްރޫ ކްރޮފްޓްސް އެވެ. އަދި އޭނާގެ ކޯޗިން ޓީމުގައި ޓީމުގެ މިޑްފީލްޑަރު އެޑަމް ލަލާނާ ވެސް ހަރަކާތްތެރި ވާނެ އެވެ.

ޕޮޓާ ވަނީ މިދިޔަ ސީޒަނުގައި ބްރައިޓަން އަށް ޕްރިމިއާ ލީގުގެ ނުވަވަނަ ހޯދައިދީފަ އެވެ. އަދި މި ސީޒަނުގައި އޭނާގެ އިރުޝާދުގެ ދަށުން ބްރައިޓަން އިން ހަ މެޗު ކުޅެފައި ވާއިރު، ޓީމު އޮތީ 13 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެޓީމު ހަމައެކަނި ބަލި ވެފައި ވަނީ އަލަށް ޕްރޮމޯޓްވި ފުލަމް އަތުންނެވެ. ނިއުކާސަލް ޔުނައިޓެޑް އަތުން އެއްވަރު ވީ އެވެ. އެކަމަކު މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް އަދި ލެސްޓާ ސިޓީ ބަލި ކުރި އެވެ.

މި ހަފްތާ ބަންދުގައި، ހޮނިހިރު ދުވަހުގެ ހަވީރު ޗެލްސީ އިން ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅޭ ލަންޑަން ޑާބީ މެޗުގައި ޓީމަށް އިރުޝާދު ދޭނީ އާ ކޯޗު ޕޮޓާ އެވެ.

ޕޯޓާ ފާހަގަ ކުރެވިފައި ވަނީ އެޓޭކިން ފުޓްބޯޅައެއް ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ.