08 ސެޕްޓެމްބަރ 2022 - 18:02

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކުރުމުން ދައުލަތުން މިއަދު ވަނީ އެ ޝަރީއަތް އަވަހަށް ބާއްވައިދޭން އެދިފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު އަޑުއެހުން ބާއްވަން ހަމަޖެއްސި ވަގުތެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލަ އަވަހަށް ބާއްވަން ދައުލަތުން އެދުނީ މިހާރު ކުރިއަށް ދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ކަމަށްވާތީ އާއި އެއް ހެއްކަކު ދައްކާ ވާހަކަ ދެން ތިބި ހެކިންނަށް އެނގުމުން ހެކި އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާތީ އެވެ. އަދި ދައުލަތުގެ ބައެއް ހެކިންގެ ހެކިބަސް ވެސް ނަގާފައިވަނީ އެއް ދުވަހެއްގައި ކަމަށްވާތީ އެވެ.
ދިފާއީ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ދައުލަތުން ކުރިން ވެސް އެދުނެވެ. އެކަމަކު އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ފުރަތަމަ ދުވަހު އެއް ހެއްކަކު ހާޒިރުކޮށް ހެކިބަސް ނެގުމަށްފަހު އަދި އެކަމަށް ހިނގާ ވަގުތު ބެލުމަށްފަހު ދެން އެކަމުގައި ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށެވެ.
ޕީޕީއެމަށް ނިސްބަތްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް އިއްޔެ ނެގިއިރު މިއަދު ހެކިބަސް ނަގަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ޔާމީން އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށެވެ.