ޕައުންޑުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ
ޕައުންޑުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

ޕައުންޑުގެ އަގު އަނެއްކާވެސް ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައިވާ ގޮތުން މިއީ 1985 ވަނަ އަހަރަށް ފަހު ޕައުންޑުގެ އަގު އެންމެ ބޮޑަށް ވެއްޓުނު ފަހަރެވެ. މި ވަގުތު ފައުންޑެއްގެ އަގަކީ 1.15 ޑޮލަރެވެ. މިދިޔަ އަހަރާ ހަމައަށް ވެސް ޕައުންޑެއްގެ އަގު ހުރީ 1.3 ޑޮލަރަށް ވުރެ މަތީ ރޭޓުތަކެއްގަ އެވެ.

ބޭންކް އޮފް އިންގްލެންޑްގެ ގަވަރުނަރު އެންޑްރޫ ބެއިލީ ވިދާޅުވީ، މިހާ ބޮޑަށް ޕައުންޑުގެ އަގު ވެއްޓުނީ ޑޮލަރުގެ އަގު އަނެއްކާ ވެސް ވަރުގަދަވާން ފެށުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، ބާޒާރުގައި ގޭހުގެ އަގު އިންތިހާ އަށް ބޮޑުވަމުންދާތީ، އެ ގައުމުގެ އިގްތިސާދު ރިސެޝަނަކަށް ދިއުން ވަރަށް ބޮޑު ކަމަށެވެ.

ބޭންކް އޮފް އިންގްލެންޑުން ލަފާކުރަނީ އަންނަ އަހަރުގެ ނިޔަލަށް މި ހާލަތު ދެމިގެންދާނެ ކަމަށެވެ.

އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރު ލިޒް ޓްރަސް ވަނީ އިގްތިސާދީ އުނދަގޫ ހާލަތުން އަރައިގަތުމައްޓަކައި ޓެކްސް ކުޑަކުރަން ނިންމަވައިފަ އެވެ. ނަމަވެސް އިގްތިސާދީ މާހިރުން ދެކޭގޮތުގައި ހަމައެކަނި ޓެކްސްތައް ކަނޑައިގެން އިގްތިސާދު ހަމައަކަށް ނޭޅުވޭނެ އެވެ.

ކަރަންޓާއި ގޭހުގެ ބިލްތައް ދެއްކުން މަޑުޖައްސައިލުމުން އަނެއްކާވެސް އިންޓަރެސްޓް ރޭޓު ބޮޑުވުމަށް މަގުފަހިވުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި ވިލާތުގެ އިގްތިސާދު ދިރާސާ ކުރާ މީހުން ދެކެ އެވެ. އެއާއެކު އިންފްލޭޝަން އިތުރަށް މަތިވާނެ އެވެ.

އިނގިރޭސި ވިލާތުގެ އިންފްލެޝަން މިހާރު ހުރީ 8 ޕަސެންޓުގަ އެވެ. ކުރިއަށް އޮތްތަނުގައި އިންފްލެޝަން 13 ޕަސެންޓަށް އަރާނެ ކަމަށް އިގްތިސާދީ މާހިރުން އަންދާޒާކުރެ އެވެ. އިނގިރޭސި ވިލާތާއި ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ އިންފްލެޝަން އެހާ ބޮޑަށް މަތިވެފައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އެ ގައުމުތަކަށް ރަޝިއާ އިން ތެލާއި ގޭސް އެކްސްޕޯޓުކުރުން ހުއްޓައިލުމުންނެވެ.