09 ސެޕްޓެމްބަރ 2022 - 08:36

އެންމެ ބޮޑު ސްޓްރީމިން ސާވިސް ނެޓްފްލިކްސް އިން އިސްލާމް ދީނާ ބީރައްޓެހި އާދަތައް ދައްކާ ޝޯތަކާއި ފިލްމުތައް ނަގަން ސައުދި އަރަބިއްޔާގެ ސަރުކާރުން ގޮވާލައިފި އެވެ.
ސައުދީ ސަރުކާރުން ވަނީ ނެޓްފްލިކްސްގެ އުފެއްދުންތަކަށް ފާޑުކިޔައިފަ އެވެ. އަދި ބައެއް އުފެއްދުންތަކަކީ އެއްވެސް ހާލަތެއްގަައި ދެއްކިގެން ނުވާނެ ޝޯތަކާއި ފިލްމުތައް ކަމަށް ސައުދީ ސަރުކާރުން ބުންޏެވެ.
ސައުދީގެ އަލް އަހްބަރިޔާ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ނެޓްފްލިކްސް އިން ކުޑަކުދިންނަށް ދައްކާ ކޮންޓެންޓުތަކަކީ ވެސް އެއްވެސް ގޮތަކަށް ކުޑަކުދިންނަށް ދައްކަން ކަމުދާ ކޮންޓެންޓެއް ނޫނެވެ.
އެ މީޑިއާއިން މި ހަބަރު ގެނެސްދީފައިވަނީ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެވެ. އެ ހަބަރުގައި ނެޓްފްލިކްސްގެ ބައެއް އުފެއްދުންތަކުން މަންޒަރު ދައްކަ އެވެ. އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް އުފެއްދުމަކީ 2020 ވަނަ އަހަރު ނެރުނު "ކިއުޓީސް" ނަމަކަށް ކިޔާ ފްރެންޗް ފިލްމެވެ. މި ކޮންޓްރޮވާޝަލް ފިލްމަކީ މުޅި ދުނިޔޭގައި ވެސް ފާޑުކިޔުމާއި ނުރުހުން ރައްދުވި ފިލްމެކެވެ.
ސައުދީ އޮފިޝަލުންނާ ހަވާލާ ދީ އެ މީޑިއާއިން ބުނެފައިވަނީ ކުޑަކުދިންނަށް ދައްކާ ޝޯތަކުގެ ފަހަތުގައި ވެސް އިސްލާމް ދީނާ ހިލާފު ކަންތައް ހިމެނޭ ގޮތަށް ޕްރޮޕަގެންޑާތައް ހުންނަ ކަމަށެވެ.
އެ ހުރިހާ ކޮންޓެންޓެއް ނަގަން ގޮވާލާއިރު އެ ކޮންޓެންޓު ނަގަންވީ ސައުދީ ސަރަހައްދުން ކަމެއް ނުވަތަ މުޅި ނެޓްފްލިކްސް ލައިބްރަރީން ކަމެއް ބުނެފައެއް ނުވެ އެވެ.