08 ސެޕްޓެމްބަރ 2022 - 18:11

ފުލުހުންގެ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައި ހުރި 260 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މިހާރު ނައްތާނުލައި ހުންނާނީ 30 ކިލޯގެ މަސްތުވާތަކެއްޗެވެ. އެއީ ތަހުގީގު ކުރިއަށް ދާތީ ނައްތާލުމުގެ ހުއްދަ ނުލިބިހުރި ހުރި އެއްޗިއްސެވެ.
ދޫނިދޫގައި މިއަދު ނައްތާލީ އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުންޏެވެ.
މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރި 10،888 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ހުރި 4،285 ސެލޯފިންކޮޅާއި، މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި 246 ދަޅާއި، 130 ބުލެޓާއި، 40 ބިޑީގެ އިތުރުން 6،359 ބޭސްގުޅަ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ 4،559 އެއްޗެއް ވެސް ނައްތާލި އެވެ.