މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓްކުރަން ރައީސް ތާއީދުކުރައްވާ: މިއުވާން
މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓްކުރަން ރައީސް ތާއީދުކުރައްވާ: މިއުވާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅު ވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން މިއުވާން ވިދާޅުވީ މެމްބަރުންގެ އަދަދަށް ކޮންމެވެެސް ވަރެއްގެ ބަދަލެއް ގެންނަންޖެހޭ ކަމަށް ރައީސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ 87 ގައި ހިފަހައްޓާނީތޯ ނުވަތަ ވަކި އަދަދަކަށް މެމްބަރުން އިތުރުވުމުން ލިމިޓެއް ކަނޑައަޅުއްވާނީތޯ އަދި ނުނިންމަވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

"ރައީސްގެ ވިސްނުންފުޅަކީ [މެމްބަރުންގެ އަދަދަށް] ކޮންމްވެސް ވަރެއްގެ ލިމިޓެއް އިންނަންޖެހޭކަން. ވަކި ގޮތެއް ރިކޮމެންޑެއް ނުކުރައްވާ. ޕާޓީތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމަވާނީ،" މިއުވާން ވިދާޅުވި އެވެ.

އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ވެސް މެމްބަރުންގެ އަދަދު އިތުރުވި އެވެ. ދެހާސް ނުވައެއްގައި 17 ވަނަ މަޖިލިހަށް އިންތިހާބު ކުރީ 77 މެމްބަރުން ނެވެ. އަދި 2014 ގައި 85 މެމްބަރުން އިންތިހާބުކުރި އެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.