އާޝިގީ 3 އިން ފެންނާނީ ކޮން އެކްޓްރެސްއެއް؟
އާޝިގީ 3 އިން ފެންނާނީ ކޮން އެކްޓްރެސްއެއް؟

ބޮލީވުޑްގައި ބޮޑު ތަރުހީބެއް ލިބުނު، "އާޝިގީ" ގެ ތިން ވަނަ ފިލްމާއި އެ ފިލްމުގެ ލީޑު އެކްޓަރުގެ ރޯލަށް ކާތިކް އާރިޔަން ހަމަޖެއްސިކަން އިއުލާންކުރުމާ އެކު ވާހަކަ ދެކެވެމުން އަންނަނީ އެ ފިލްމުން ފެންނާނެ އަންހެން ތަރިއަކާ މެދު އެވެ.

އެންމެ ފުރަތަމަ އަޑު އެރީ އެ ރޯލަށް ޓީވީ އެކްޓްރެސް ޖެނިފާ ވިންޖެޓް ހަމަޖެހުނު ކަމަށެވެ. އަނެއްކާ ވެސް މިވަނީ އެ ފިލްމުން ފެނިދާނެ ކަމަށް ބެލެވޭ ތަރިންގެ ލިސްޓެއް އާންމުވެފަ އެވެ. އެއީ ބޮލީވުޑްގެ މަޝްހޫރު ތަރި، ދީޕިކާ ޕަޑުކޯނާއި އެ ފިލްމުގެ ދެވަނަ ބައިން ވެސް ފެނުނު ޝްރައްދާ ކަޕޫރާއި ކްރިތީ ސަނޮން އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދަނީ ފިލްމުގައި މަސައްކަތްކުރާނެ އަންހެން ތަރިއަކު ހޯދަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ބެލެވެނީ ދީޕިކާ އާއި ކްރިތީ އަދި ޝްރައްދާގެ ތެރެއިން ތަރިއަކު ނަގާނެ ކަމަށް ކަމަށް އެ މަސައްކަތުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ބުނެ އެވެ.

ފިލްމަށް ޖެނީފާ ނުނަގާނެ ކަމަށް ބެލެވޭ ސަބަބަކީ އޭނާ ނަގަން އުޅޭކަމުގެ އަޑު ފެތުރުމުން، "އެކްޓްރެސްއާ ގުޅިގެން ފެތުރެމުންދާ އަޑަކީ" ދޮގެއް ކަމަށް ބުނެ ޕްރޮޑަކްޝަން ޓީމުން ބަޔާނެއް ނެރެފައިވާތީ އެވެ. އަދި އަންހެން ތަރިއަކު ނެގުމުގެ މަސައްކަތްކުރާ ކަމަށާއި އެކަން ހަމަޖެހުމާ އެކު ސަޕޯޓަރުންނަށް އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިހާރު ކުރިއަށް ދަނީ ސްކްރިޕްޓުގައި އިސްލާހުކުރަންޖެހޭ ކަމެއް އޮތްތޯ ބަލައި އެންމެ ފަހުގެ ތައްޔާރީތަކެވެ. އަދި އެ ފިލްމުގައި ހިމެނޭ މިއުޒަކީ ކުރިއަށް އޮތް ޖީލަށް ވެސް ކަމުދާނެ މިއުޒިކަކަށް ހެދުމުގެ މަސައްކަތް އެބަ ކުރެ އެވެ.

އާޝިގީ އަކީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި އާޝިގީގެ ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. އަދި 2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު ފިލްމުގެ ދެވަނަ ބައިން ފެނުނީ އަދިތުޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ.