08 ސެޕްޓެމްބަރ 2022 - 12:54

މާލޭގައި މިނީ ބަހުގައި ދަތުރުކުރާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އިތުރުވަމުން ގޮސް، އިއްޔެ 8،000 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފި އެވެ.
އެއީ، އާދަޔާހިލާފު އަދަދެއްކަން ފާހަގަކުރައްވައި، އެމްޓީސީސީގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އާންމުން މި ހިދުމަތް ބަލައިގެންފި ކަމަށެވެ. އަދި އެއަށް ވުރެ ގިނަ މީހުން ދަތުރުކުރިޔަސް އެމްޓީސީސީ އޮތީ އެކަމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބަހުގެ ހިދުމަތް ހޯމަ ދުވަހު ފެށިއިރު، އެ ދުވަހު ދަތުރުކުރީ 2،250 އެވެ. އަންގާރަ ދުވަހު 3200 އެވެ. އިއްޔެ ދަތުރު ކުރި ޖުމްލަ އަދަދަކީ 8،024 އެވެ. އިއްޔެ ހަމައެކަނި އޯކިޑް މަގު ރޫޓުން އެކަނި ވެސް 3094 މީހުން، އަމީނީމަގުން 2،416 އަދި ސޯސަން މަގުން 2،514 މީހުން ދަތުރު ކުރި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މި ނިސްބަތުން ދާ ނަމަ މާލޭގައި ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ. އަދި ވިދާޅުވީ މިނީބަހުގައި އެއް ދުވަސް ތެރޭ 10،000 އަށް ވުރެ ގިނަ މީހުން އުފުލުމުގެ ކުޅަދާނަކަން އެމްޓީސީސީގެ އެބައޮތް ކަމަށެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ 16 ބަހާ އެކު އެވެ. ތިން ރޫޓަކުން ދަތުރުކުރާއިރު 40 ތަނަކަށް ބަސް ހުއްޓޭނެ އެވެ. މިހާރު ކުރިއަށް މިދަނީ އޭގެ ތަޖުރިބާ ދަތުރުތަކެވެ. އެހެންވެ، ހުރިހާ އެންމެންނަށް ވެސް ދެ ހަފުތާ ވަންދެން ދަތުރު ކުރެވޭނީ ހިލެ އެވެ.