08 ސެޕްޓެމްބަރ 2022 - 11:24

ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކެޕިޓަލް މާކެޓު އޮތޯރިތީ (ސީއެމްޑީއޭ)އިން ކުރިއަށް ގެންދިޔަ ޑިރެކްޓާސް ޓްރެއިނިން ޕްރޮގްރާމް ނިމިއްޖެ އެވެ.

ސީއެމްޑީއޭއިން ބުނީ އެ ޕްރޮގްރާމަކީ އެ އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑިރެކްޓާސް އެންޑް ސެކްރެޓަރީސް (އައިސީޑީއެސް)އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގުރާމުގެ މަގުސަދަކީ، ކޯޕަރޭޓް ގަވަނަންސް އުސޫލުތަކަށް އަހުލުވެރިކޮށް، ކޯޕަރޭޓް ގަވަނަންސް އުސޫލުތަކާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ބައްޓަންކުރުމުގައި ބޯޑުގެ ޒިންމާއާ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން އަހުލުވެރިކޮށް މައުލޫމާތު ދިނުން ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

އެ ޕްރޮގްރާމުގައި ކުންފުނިތަކާ ބެހޭ ގާނޫނާއި، ޓެކްސްގެ ނިޒާމާއި އެންޓި-ކޮރަޕްޝަނާއި އޮޑިޓިން އަދި ފައިނޭންޝަން ސްޓޭޓްމަންޓުގައި ބަލަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ވެސް ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.
މި ދިޔަ މަހުގެ 28 އިން 31 އަށް ބޭއްވި އެ ތަމްރީނު ޕްރޮގްރާމުގައި 25 ފަރާތަކުން ބައިވެރިވެ ސެޓްފިކެޓު ހާސިލްކޮށްފައިވާ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ. ސަރުކާރުގެ ކުންފުނިތަކާއި ލިސްޓެޑް ކުންފުނި ތަކުގެ އިތުރުން އަމިއްލަ ކުންފުނި ތަކުގެ ޑައިރެކްޓަރުން ހިމެނޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ޖުމްލަ އަށް ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ތަމްރީނު ދެއްވީ ކަމާ ގުޅުން ހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެގޮތުން މީރާ، އޮޑިޓާ ޖެނެރަލްސް އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާގެ މާހިރުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.
ސީއެމްޑީއޭއިން ބުނީ އެ އޮތޯރިޓީން ކޮންމެ އަހަރަކު ވެސް އެ ފަދަ ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގަމުންދާ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމަކީ މިއަހަރު ބޭއްވި އެ ފަދަ ދެ ވަނަ ޕްރޮގްރާމެވެ. މިދިޔަ ޖުލައި މަހު ވެސް ޑިރެކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގައިފަ އެވެ.
ޖުލައި މަހުގެ ޕްރޮގުރާމުގައި މައިގަނޑު ގޮތެއްގައި ބަލާލާފައި ވަނީ، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ގާނޫނާއި ގަވާއިދުތަކާއި ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" އަދި ކޯޑް އޮފް ކޮންޑަކްޓާއި ސީއެމްޑީއޭގެ ކޯޕަރޭޓް ގަވާނަންސް ކޯޑާއި ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމާ ގުޅޭ ކަންތައްތަކުގެ މައްޗަށެވެ.
ސީއެމްޑީއޭއިން ކުރިއަށް ގެންދާ އެ ފަދަ ޕްރޮގްރާމުތަކުގެ ބައިވެރިންނަށް ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ވުމުގެ ފުރުސަތު އިތުރަށް ފަހިވާނެ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ. ޑިރެކްޓަރުން ތަމްރީނު ކުރުމަށް ސީއެމްޑީއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރު ވަނީ ދެ ޕްރޮގްރާމު ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ.