08 ސެޕްޓެމްބަރ 2022 - 11:06

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކާ ގުޅިގެން އިއްޔެ ކޯޓު އުމުރެއްގެ ދަށުން ހައްޔަރުކުރީ 45 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހެކެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 45 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް އަދި 47 އަހަރާއި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
މި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން އަންނަނީ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި އިތުރު މައްސަލަތަކެއް ވެސް ބަލަމުންނެވެ.
އަލަމްގީރު ހިމެނޭހެން ކުރިން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގެވެ. އެކަމަކު އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައި، އެމީހުން ބަންދުން ވަނީ ދޫކޮށްލައިފަ އެވެ.
އެކަމަކު އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާތަކަށް އިއުތިރާފްވުމުން އަލަމްގީރު ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 31 ގައި ހުކުމްކޮށްފަ އެވެ.
ފުލުހުން އަންނަނީ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުވާ އެތައް ބައެއްގެ މައްސަލަ ބަލަމުންނެވެ.