08 ސެޕްޓެމްބަރ 2022 - 11:17

މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލެއިން 77 ގޯތި ބީލަމުގެ އުސޫލުން ވިއްކަން ހުޅުމާލި ފުރުސަތުގެ މުއްދަތު އެޗްޑީސީން އިތުރުކޮށްފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ވަނީ ވިއްކާ ގޯތީގެ ބީލަން ފޯމު މިމަހުގެ 15 ގައި ވިއްކާނެ ކަމަށް ބުނެފަ އެވެ. ކުރިން ބީލަން ފޯމު ގަތުމަށް ހުޅުވާލަން އޮތީ މިއަދު އެވެ. ބީލަން ފޯމު ގަތުމަށް ފަހު ބީޗް ފްރަންޓްގެ ގޯތިތަކަށް ބީލަން ފޯމު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 3 ގަ އެވެ. އަދި ބީޗް ސައިޑުން ގޯތި ގަތުމަށް ބީލަން ފޯމު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 4 ވަނަ ދުވަހު އެވެ.
އެޗްޑީސީން ނިންމާފައިވަނީ ބީޗް ފްރަންޓުން 22 ބިމަކާއި ބީޗް ސައިޑުން 55 ބިމެއް ދޫކުރާށެވެ. ބީޗް ފްރަންޓުން އަކަފޫޓެއްގެ ފެށޭ އަގަކީ 6،500ރ. އެވެ. އަދި ބީޗް ސައިޑުން އަކަފޫޓެއްގެ ފެށޭ އަގަކީ 5،500ރ. އެވެ.
އެޗްޑީސީން ވިއްކަން ނިންމާފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ ބޮޑު މިނުމުގެ ގޯއްޗެވެ.
އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތް މީހުންނަށް މި ގޯތިތަކަށް ކުރިމަތިލެވޭނެ އެވެ. މީގެ އިތުރުން އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުމާއި ބީލަމުން ބިމެއް ގަނެ، އެހެން މީހެއްގެ ނަންމައްޗަށް އެ ބިން ބަދަލުކޮށްފައި ވިޔަސް މި ބީލަމުގައި ބައިވެރިނުވެވޭނެ އެވެ.
މިއަހަރުގެ ފެބްރުއަރީގައި އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 26 ބިމަކާއި ބީޗް ސައިޑުން 34 ބިން ވިއްކާފަ އެވެ.
އެފަހަރު ބީޗް ސައިޑްގެ 34 ބިމަށް 179 ބީލަން ހުށަހެޅި އެވެ. އެންމެ ބޮޑު އަގަކަށް އޮތީ އަކަފޫޓަކަށް 9،001ރ. އެވެ. އަދި ބީޗު ފްރޮންޓުގެ 26 ބިމަށް 211 ބީލަން ހުށަހަޅާފައިވެ އެވެ. އެ ސަރަހައްދަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހަޅާފައި އޮތީ އަކަފޫޓަކަށް 10،220ރ. އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައިފައި ވެ އެވެ. މިއީ ދެވަނަ ފިޔަވަހިން ބިން ވިއްކާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ދެވަނަ ފިޔަވަހިން ބިން ވިއްކާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.