ރައީސް އޮފީހަށް ވޭނެއް ގެންނަން ހަވާލުކުރި ތިން ކުންފުންޏެއް ސަސްޕެންޑްކޮށްފި
ރައީސް އޮފީހަށް ވޭނެއް ގެންނަން ހަވާލުކުރި ތިން ކުންފުންޏެއް ސަސްޕެންޑްކޮށްފި

ރައީސް އޮފީހަށް ވޭނެއް ސަޕްލައިކޮށްދިނުމުގައި އޮޅުވާލި ތިން ކުންފުންޏެއް ސަސްޕެންޑް ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ ވިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޓޮމީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ޓީ އެންޑް ބީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެ އެވެ. ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ކުންފުނިތައް ސަސްޕެންޑް ކުރެވޭނެ ހާލަތްތައް ވެސް ގަވާއިދުގައިވެ އެވެ.

ރައީސް އޮފީހަށް ވޭނެއް ގަންނަން ހަވާލުކުރި ތިން ކުންފުނި ސަސްޕެންޑް ކުރީ އޮޅުވާލުމާއި ގަވައިދާ ހިލާފަށް އަމަލުކުރުން ފަދަ ސަބަބުތަކެއް ހުރުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ސަސްޕެންޑް ކުރި ކުންފުނިތަކުގެ ތެރެއިން ވިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން ޓޮމީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ވޭން ގެންނަން ހަވާލުކުރީ 2011 ވަނަ އަހަރު އެވެ. އަދި އެއަށް ފަހު ޓީ އެންޑް ބީ އިންޖިނިއަރިންއާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ތިން ކުންފުނި ވެސް ސަސްޕެންޑް ކޮށްފައިވަނީ އަންނަ އަހަރުގެ މާޗް މަހާ ހަމަޔަށެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ އެއްވެސް މަޝްރޫއުއެއްގެ ބީލަމުގައި އެކުންފުނިތަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިހާތަނަށް 11 ކުންފުންޏެއް އެކި ސަބަބުތަކާ ހެދި ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑައެޅި މުއްދަތަށް މަސައްކަތް ނުނިންމާ ކުންފުނިތަކާއި ފޯޖު ޑޮކިއުމެންޓް ހުށަހެޅި ކުންފުނިތައް ވެސް ހިމެނެ އެވެ.

ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅަނީ ބީލަމުގެ މައްސަލަތައް ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީންނެވެ. އެ ފިޔަވަޅު އަޅަނީ ކުންފުންޏާ ދެކޮޅަށް ބަލާ މައްސަލައިގައި، ދިފާއުވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު، ތަހުގީގުކޮށް ނިމޭއިރު މައްސަލަތަކެއް ސާބިތުވާ ނަމަ ކަމަށް މާލިއްޔަތު ގަވާއިދުގައިވެ އެވެ.