08 ސެޕްޓެމްބަރ 2022 - 09:36

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާގައި މިއަދަށް ތާވަލްކުރި ޝަރީއަތް އެ މަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ޔާމީންގެ "ބަލި ހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވާތީ" ޝަރީއަތް ކެންސަލްކުރީ ކަމަށެވެ.
މިދިޔަ ތިން ދުވަހު ވެސް މި މައްސަލާގައި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވާއިރު މިއަދަށް ހެކި ބަސް ނެގުމަށް ތާވަލްކޮށް އިއްޔެ އިސް ގާޒީ އަހްމަދު ޝަކީލް އެކަން އިއުލާނުކެއްވުމުން ޔާމީންގެ ވަކީލުން އިއްޔެ ވެސް ވަނީ ޝަރީއަތް އެހެން ދުވަހަކަށް ތާވަލްކޮށްދިނުމަށް އެދިފަ އެވެ. އަދި ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ވެސް އެގޮތަށް އެދުނެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް އަޑުއެހުންތައް ކެންސަލް ވެފައި ވާތީ ގާޒީ ނިންމެވީ މިއަދު ވެސް އަޑުއެހުން ބާއްވާށެވެ.
މިއަދު ތިން ހެކިވެރިޔަކު ހާޒިރުކުރާނެ ކަމަށާއި ދެން އޭގެ ފަހުން އަޑުއެހުމެއް އޮންނާނީ މި މަހުގެ 25 އާއި 29 ގައި ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި ޝަރީއަތުގެ ތާވަލެއް އަލުން ކަނޑައަޅާނީ އޭގެ ފަހުންނެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.