08 ސެޕްޓެމްބަރ 2022 - 08:54

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން ލިބިފައި ހުރި ބައެއް ގެއްލުންތަކުގެ ފޮޓޯޓަކެއް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން އާންމުކޮށްފި އެވެ.
ހަތަރު ފަރާތުން ދަގަނޑު ހޮޅިތަކެއް ހަރުކޮށްފައި ހުރި ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ މިިދިޔަ މަހުގެ 16 ގަ އެވެ. ބްރިޖް ހަދާ ކުންފުނި، އެފްކޯންސް އަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.
ވިލިމާލެ ފަރުގައި އެޅިފައި ހުރި ދަގަނޑުތަކާއި ކުނިތައް ސާފު ކުރުމަށް ފަހު ލިބިފައި ހުރި ގެއްލުންތައް ބަލައި އީޕީއޭ އިން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފަރުގައި ވަރަށް ފުން ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ.
ދަގަނޑު ހޮޅިތައް ޖެހިގެން އައި އިމްޕެކްޓާއި ގޭނިގެން ފަރަށް ލިބިފައި ހުރި ބޮޑެތި ގެއްލުންތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. ސާވޭ ހަދަން އުޅުން އީޕީއޭގެ ބައެއް ޑައިވަރުން ވަޅުގަނޑުގެ ތެރެއަށް ފީނާފައި އެކީ ވަދެގެން ވެސް ފޮޓޯ ނަގާފައި އެބަހުއްޓެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ ބައެއް ވަޅުގަނޑުތައް ގާތްގަނޑަކަށް 10 ފޫޓަށް ވުރެ ފުން ވާނެ އެވެ. އެއީ ޕްލެޓްފޯމްގެ ފައިކަށިތައް ޖެހިގެން ފަރަށް ލިބިފައި ހުރި ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އީޕީއޭ އިން މިހާރު ކުރިޔަށް ގެންދަނީ އެ ގެއްލުންތަކުގެ ޑޭޓާ އެނާލިސިސްއެއް ހަދައި، ކިހާ ވަރެއްގެ ގެއްލުމެއްތޯ ބަލައި ހިސާބު ޖެހުމުގެ މަސައްކަތެވެ. އެކަމަށް ދެ ދުވަހެއް ވަރު ނާގަނެ ކަމަށް ނައީމް ވިދާޅުވި އެވެ.
އީޕީއޭ އިން ކުރިން ބުނި ގޮތުގައި ބްރިޖުގެ ޕްލެޓްފޯމް ފުން ކުރަން ވެސް އުނދަގޫވީ އެ ނުނަގާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ޕްލެޓްފޯމްގެ ކަށިތައް ފަރު ތެރެއަށް ވަދެފައި ހުރުމާ ގުޅިގެނެވެ.