08 ސެޕްޓެމްބަރ 2022 - 06:41

"ދަޅަކް" އިން ބޮލީވުޑަށް ނިކުތް، ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓާރުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ފްލެޓެއް ގަނެ އޭނާ އާއި މަންމަ ކުއްޔަށް އެކި ތަންތަނުގައި އުޅުނު ހިތްދަތި މާޒީ ހަނދާން އާކޮށްފި އެވެ.
އިޝާން ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ އުމުރުން 16 އަހަރުވުމާ ހަމައަށް 17 ގެއަކަށް ދިރިއުޅުން ބަދަލުކުރި އެވެ. އެކަމަކު ފްލެޓެއް ގަތީ އެންމެ ފަހުން އޭނާ އުޅުނު ގޭގައި ހަތް އަހަރު އުޅުމަށް ފަހު ކަމަށާއި ފަހަރަކު ގެއަކަށް ބަދަލުވާން ޖެހުނީ އޭނާގެ މަންމައަކީ އެކަނިވެރި މަޔަކަށް ވުމުގެ ސަބަބުން ކަމަށް އިޝާން ބުންޏެވެ.
އިޝާން ބުނެފައިވާ ގޮތުގައި އޭނާގެ ހަރަދުތައް މަންމަ، ނީލިމާ އަޒީމް ބަލަމުންދިޔައީ ވަރަށް ބުރަ މަސައްކަތުންނެވެ.
އުމުރުން 26 އަހަރުގައި އިޝާން ފްލެޓެއް ގަނެ، މިލްކުކޮށްފައި ވަނީ ބޮލީވުޑްގައި ލިބުނު މަޝްހޫރުކަމާ އެކު ހޯދި އާމްދަނީންނެވެ. ފްލެޓް ގަތީ މުމްބާއީގެ އެންމެ ހިތްފަސޭހަ ހިސާބުންނެވެ. އެއީ މޫދު ފެންނަ ހިސާބުންނެވެ.
އިޝާން ވަނީ އޭނާގެ މީޑިއާ ރޫމާއި ސިޓިންރޫމް ވެސް ދައްކާލައިފަ އެވެ.
"ބިޔައުންޑް ދަ ކްލައުޑްސް" އިން 2017 ގައި ފިލްމީ ދާއިރާއަށް ނިކުތް އިޝާން ވަނީ މިހާތަނަށް ހަތަރު ފިލްމަކުން ފެނިފަ އެވެ. އަދި ދެ ފިލްމެއްގެ މަސައްކަތް އޭނާ ކުރަމުން އެބަދެ އެވެ. އޭގެ ތެރެއިން ކެޓްރީނާ ކައިފާ އެކު މަސައްކަތްކުރާ ފިލްމު "ފޯނު ބޫތު" މިއަހަރު ރިލީޒްކުރާނެ އެވެ.