07 ސެޕްޓެމްބަރ 2022 - 14:37

ލަންޑަން (ސެޕްޓެމްބަރު 7) - ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ކުއްލި ގޮތަކަށް ވަކިކޮށްފި އެވެ.
އޭނާ ވަކިކުރީ ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ރޭ ކްރޮއޭޝިއާގެ ޗެމްޕިއަން ޑައިނަމޯ ޒެގްރެބް އަތުން 1-0 އިން ބަލިވެފައި ވަނިކޮށެވެ. ޓުޗެލްއާ އެކު ޗެލްސީގެ ނަތީޖާތައް މި ސީޒަނުގައި ދަށެވެ. އެގޮތުން ޕްރިމިއާ ލީގުގައި ކުޅުނު ހަ މެޗުން މޮޅުވެވުނީ ތިން މެޗުންނެވެ. ދެ މެޗުން ބަލިވެ އެއް މެޗު އެއްވަރުވީ އެވެ.
ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޮއެލީ މި ސީޒަނުގައި ޓްރާންސްފާ އަށް ބޮޑު ހަރަދެއްކޮށްފަ އެވެ. އެހެންވެ ބެލެވެނީ އެ ހަރަދާ އެއްވަރުގެ ކުޅުމެއް ނުފެންނާތީ ޓުޗެލް ވަކިކުރީ ކަމަށެވެ.
އެކަމަކު އެއް ބަޔަކު ބުނާ ގޮތުގައި އާ ކުޅުންތެރިންނާ އެކު ޓީމު އެކުލަވައިލަން ޓުޗެލް އަށް ވަގުތު ދޭން ޖެހެ އެވެ.
ޗެލްސީގެ ކޯޗު ކަމާ ޓުޗެލް ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ އެ ޓީމަށް އެ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދިނެވެ.
ޗެލްސީގެ އާ ކޯޗަކަށް ގެންނާނެ ކަމަށް ބެލެވެނީ ޓޮޓެންހަމް ހޮޓްސްޕާސްގައި ރަނގަޅު ނަތީޖާތަކެއް ނެރުނު މައުރީސިއޯ ޕޮޗެޓީނޯ އެވެ. އޭނާ އެންމެ ފަހުން ހުރީ ޕީއެސްޖީ ގަ އެވެ. މީގެ އިތުރުން ބްރައިޓަންގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ އަކީ ވެސް ޗެލްސީއާ ހަވާލުވެދާނެ ކޯޗެކެވެ.
ޗެލްސީގެ ކުރީގެ ވެރިޔާ ރޯމަން އަބްރަހަމޮވިޗް އަކީ ވެސް އަވަސް އަވަހަށް ކޯޗުން ބަދަލުކުރި ވެރިއެކެވެ.