07 ޖެނުއަރީ 2017 - 06:29

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމެކޭ ބުނެފި ނަމަ އެ ފިލްމަކަށް ކުރެވޭ އުންމީދުތައް އަބަދު ވެސް ވަރަށް ބޮޑު ވާނެ އެވެ. އެ ސްޓޫޑިއޯ އަށް ކުރެވޭ އިތުބާރު މިހާރު ވަރަށް ބޮޑެވެ.

ރާއްޖޭގެ ފުރަތަމަ ތްރީޑީ ފިލްމްގެ އިތުރުން ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން އެ ސްޓޫޑިއޯ އިން އަންނަ އެޕްރީލް މަހުގެ 5 ގައި ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އަށް ކުރެވޭ އުންމީދުތައް އަދި ވަކިން ބޮޑެވެ.

މިދިޔަ އަހަރުގެ "ވާށޭ މަށާއެކީ" ގެ ކާމިޔާބީ ތަކުރާރުކުރާނެ ކަމަށް ބެލެވޭ މި މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ) ގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގެ ޝޫޓިން މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ފިލްމް އެޑިޓް ކުރުމާއި ފިލްމާ ގުޅުން ހުރި އިތުރު މަސައްކަތްތައް ވެސް ޑާކް ރެއިނުން އަންނަނީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރަމުންނެވެ.

އެހެންވެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ދޭ ޔަގީންކަމަކީ މިއެވެ؛ މީގެ ކުރިން ޑާކް ރެއިނުން ގެނެސްދިން ފިލްމްތަކާ އަޅާ ކިޔައިފި ނަމަ، ސްކްރީންޕްލޭގެ ގޮތުން ވެސް "މީ ލޯތްބަކީ" ތަފާތު ވާނެ އެވެ. ބެލުންތެރިން ގަޔާވާ ކަހަލަ ގިނަ ކަންތައްތަކެއް ހުންނާނެ އެވެ.

ފިލްމްގެ ކާސްޓަށް ބަލައިފި ނަމަ، މި ފިލްމަކީ ފީޗާ ފިލްމަކުން ރާއްޖޭގައި ފެނިގެން ދާނެ އެންމެ ބޮޑު ކާސްޓް އޮތް ފިލްމަށް ވެސް ވެދާނެ އެވެ.
ފިލްމުގެ ލީޑް ރޯލް ކުޅެނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ. "މީ ލޯތްބަކީ" އިން ރާއްޖޭގެ ޒުވާން ދެ ލަވަ ކިޔުންތެރިއެއްގެ އިތުރުން އާ ފަންނާނުންތަކެއް ވެސް ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދާނެ އެވެ.
މުޅި ފިލްމުގެ މަސައްކަތަށް ބަލައިފި ނަމަ މޮގާ ސިފަ ކުރާ ގޮތުގައި "މީ ލޯތްބަކީ" އަކީ ޑާކް ރެއިނުން މިހާތަނަށް ގެނެސް ދޭ އެންމެ ބޮޑު ފިލްމެވެ. އެންމެ މަސައްކަތް ބުރަ ފިލްމެވެ. އަދި އެންމެ މަޖާ ފިލްމަށް ވެސް މި ފިލްމް ވާނެ އެވެ.
ފިލްމަކީ ވީހާ ވެސް ފުރިހަމަ އެއްޗަކަށް ހެދުމަށް ޑާކް ރެއިނުން މި ފަހަރު ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނެތެވެ. އެންމެ ބޮޑު ކަމަކީ ސްކްރީންޕްލޭގައި ބުނާ ވަރަށް، ބުނާ ގޮތަށް ފިލްމުގެ މަންޒަރުތައް ބެލުންތެރިންނަށް ސިފަކޮށް ދިނުމެވެ.
"އަހަރެން ބުނާނީ މިއީ ޑާކް ރެއިނުން މިހާތަނަށް ކުރާ އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތޭ،" މިދިޔަ އަހަރުގެ އޮކްޓޯބަރުގައި މަސައްކަތް ފެށި ފިލްމާ ބެހޭ ގޮތުން މޮގާ ބުންޏެވެ. "ވަރަށް ބޮޑަށް ރާވާލައިގެން، މިކަމަށް ހަމަ ހުސްވެގެން ތިބެ މި ފިލްމުގެ މަސައްކަތް ފެށުނީއްސުރެ މި ކުރަނީ. އެހެންވެ ވަރަށް ހިތްހަމަޖެހޭ މަސައްކަތާ ދޭތެރޭ."
މޮގާ ބުނީ ފިލްމް އެޑިޓް ކުރަމުން އަންނަ އިރު، ހިތްހަމަނުޖެހޭ ކަހަލަ ކިތަންމެ ކުޑަ ކަމެއް ފާހަގަ ކުރެވުނަސް އެކަން ރަނގަޅު ނުކޮށް ދޫކޮށް ނުލާ ކަމަށެވެ.
"ރިޝޫޓް ކުރަން ޖެހިއްޖެއްޔާ އެކަން ވެސް ކުރެވޭ ގޮތަށް މަސައްކަތް ރޭވިފައި ހުރީ،" މާލެ އާއި ހުޅުމާލޭގައި ޝޫޓް ކުރާ ފިލްމާ ބެހޭ ގޮތުން މޮގާ ބުންޏެވެ.
އޭނާ އަދި ބުނީ ފިލްމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ދަނީ އެންމެ ބޭނުންވި ގޮތަށް ކަމަށެވެ. "މީ ލޯތްބަކީ" ބަލާލަން ކެތްތެރިކަން ކުޑަވެފައި ތިބި މީހުން އަދި ދުވަސްކޮޅެއް ވަންދެން އިންތިޒާރުކޮށްލަން ޖެހޭނެ އެވެ.
އެކަމަކު މޮގާ ދޭން ވަރަށް އުފާވެރި އެހެން ހަބަރެއް ވެސް އެބަ އޮތެވެ. އެއީ އަންނަ މަހުގެ ތެރޭގައި "މީ ލޯތްބަކީ" ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފައި އޮތުމެވެ.
"މީގެ ޕްރޮމޯޝަން މަސައްކަތްތައް ވެސް މާ ލަސްތަކެއް ނުވެ ފެށިގެން ދާނެ. އޭރުން ދެން ފިލްމާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް ބެލުންތެރިންނަށް ލިބެމުން ދާނެ." އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން މޮގާ ބުންޏެވެ.