ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދުﷲ
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދުﷲ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދުﷲ އަހުމަދު އައްުޔަންކޮށްފި އެވެ.

މި ސަރުކާރަށް ވެރިކަން ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ސައުދުﷲ އެންމެ ކުރިން ހުންނެވީ ސިނާއީ ރަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ޗެއާމަންގެ މަގާމުގަ އެވެ.

ނަމަވެސް ވަކި ހިސާބަކުން އެ ކުންފުނި އުވައިލުމުން ދެން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސްގެ ރީޖަނަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޖީއެމްއައިޒެޑްއެލްގެ ޗެއާމަންގެ މަގާމުގައި ސައުދުﷲ ހުންނެވި ދުވަސްވަރު އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަދި ޓޫރިޒަމް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ހިންގި ކަމަށް ބުނާ ކޮރަޕްޝަނާއި ބައެއް އެހެން ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ވަކި ހިސާބަކުން މަގާމުން ސައުދުﷲ އިސްތިއުފާ ދެއްވީ އެވެ. އޭނާ އޭރު ހުންނެވީ ޖީއެމްއައިޒެޑްއެލްގައި އޭރު ހިންގި ކަމަށް ބުނާ އެ ކަންކަމާ ދެކޮޅަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ސައުދުﷲ އާ އެކު މިހާރު ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެއީ ހިދާޔާ ނަސީރާއި ހަމަދު އަބްދުލް ޣަނީ އަދި ޝިމާޒް އަލީ އެވެ. ސްޓޭޓް މިނިސްޓަރުންނަށް ތިއްބެވީ ދެ ބޭފުޅެކެވެ. އެއީ އަހުމަދު ޒުހައިރާއި އަހުމަދު އަފްޒަލް އިބްރާހިމެވެ.