07 ސެޕްޓެމްބަރ 2022 - 13:08

އެމްޕީއެލްގެ ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް ލިބުނު މީހުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ކުންފުނީގެ އިސްވެރިން އަންނަ ހޯމަ ދުވަހު ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެމްޕީއެލުން އިމާރާތްކުރާ ތިން ޓަވަރުގައި ހިމެނޭ 534 ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުމަކީ އެ ފްލެޓަށް ޑައުންޕޭމަންޓްް ދެއްކުމަށް ކުންފުނިން ކަނޑައެޅި އުސޫލުގެ ސަބަބުން އެ މީހުންނަށް މުއްދަތަށް ފައިސާ ނުދެއްކި، ފްލެޓް ގެއްލުމުގެ ބިރު އޮތް ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައާ ގުޅިގެން ކޮމިޓީގައި އެ ކުންފުނީގެ މުވައްޒަފުން ބުނީ މިހާރު އޮތް ޑައުންޕޭމަންޓްގެ އަގުތައް ދައްކައިގެން ފްލެޓަށް ވަނުމުގެ ގާބިލުކަން 99 ޕަސެންޓް މުވައްޒަފުންގެ ނެތް ކަމަށެވެ. އެ އަދަދުތަކަކީ އެ މީހުންގެ މުސާރައާ ނުބައްދަލު އަދަދަކަށްވާތީ އެ މީހުން އެދެނީ ޑައުންޕޭމަންޓް ކުޑަކޮށްދޭށެވެ.
"ސަަބަބަކީ މުސާރައާ ނުބައްދަލު އަދަދެއް މި އިންނަނީ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މުވައްޒަފުންނަކީ ކޮންމެހެން ޒަރޫރީ ބޭނުމަށް ބޭނުންވެގެން އެކި ސްކީމުތަކުގައި ވެސް ބައިވެރިވެގެން އުޅޭ މީހުން. އެ ސްކީމުތަކަށް 3000-8000ރ. ގެ އަގެއް އެބަ ކަނޑާ. އެ ހުރިހާ އެއްޗަކަށް ކަނޑައިފަ 6000 ރުފިޔާ މުސާރައަށް ލިބޭ މީހުން އެބަ އުޅޭ."
އެހެންވެ އެ ކަންބޮޑުވުންތައް ރައީސާ ބައްދަލުކޮށް، ހިއްސާކުރި ފަހުން މިމަހުގެ އެއް ވަނަ ދުވަހު ކުންފުނިން ވަނީ އިތުރު ދެ އޮޕްޝަންދީފައި ކަމަށާއި އެކަމަކު އެއިން ވެސް މުވައްޒަފުންނަށް ލުއި ގޮތެއް ނެތް ކަމަށް އެ މީހުން ބުންޏެވެ.
- ސްޓޫޑިއޯ އެޕާޓްމަންޓް ޓައިޕް އޭ - 160،0000ރ.
- ސްޓޫޑިއޯ އެޕާޓްމަންޓް ޓައިޕް ބީ - 165،626ރ.
- ތިން ކޮޓަރީގެ ޓައިޕް އޭ - 300،000ރ.
- ތިން ކޮޓަރީގެ ޓައިޕް ބީ - 307،516ރ.
އެ ފައިސާ ދެއްކުމަށް އެންމެ ފުރަތަމަ އެންގީ ނުވަ މަހުންނެވެ. އަދި ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ފައިސާގެ 10 ޕަސެންޓް ދައްކަން ޖެހެ އެވެ.
އެކަމަކު ކޮވިޑާ ގުޅިގެން އެމީހުންގެ ސޭވިން ވެސް އެއްކޮށް ހުސްވެފައިވާ ކަަމަށް ބުނެ މުވައްޒަފުން ކަންބޮޑުވި އެވެ.
"ވިހި ތިރީސް އަހަރު މަސައްކަތްކޮށްފައި ހުރި މުވައްޒަފު މީހާ ވެސް މި ޖެހެނީ ލިސްޓަށް އަރާފައި އެއްކަހަލަ ބޯހިޔާވަހިކަން ނުލިބި."
ރައީސްއާ ބައްދަލުކުރި ފަހުން ކުންފުނިން ޑައުންޕޭމަންޓަށް ގެނައި ބަދަލުގެ ތެރެއިން އެއް ބަދަލުގެ ދަށުން 12 މަހަށް ބަހާލައިގެން ޑައުންޕޭމަންޓް ދައްކަން ލިބެ އެވެ.
- ސްޓޫޑިއޯ އެޕާޓްމަންޓް ޓައިޕް އޭ - މަހަކު 10،000ރ.
- ސްޓޫޑިއޯ އެޕާޓްމަންޓް ޓައިޕް ބީ - މަހަކު 10،351ރ.
- ތިން ކޮޓަރީގެ ޓައިޕް އޭ - 18،000ރ.
- ތިން ކޮޓަރި ޓައިޕް ބީ - 19،000ރ.
އެކަމަކު އެ އެޕްޝަނުގެ ސަބަބުން ކޮންމެ މަހަކު ދެތަނަށް ކުލި ދައްކަމުން ދަރިންގެ ހަރަދުތައް ނުބެލެހެއްޓޭނެ ކަމަށް އެމީހުން ބުންޏެވެ.
"މި އަދަދުތައް ދެއްކޭނެ އެއްވެސް ގޮތެއް އަޅުގަނޑުމެންނަކަށް ނުފެނޭ،."
އެ މީހުންނަށް އޮތް ތިން ވަނަ އޮޕްޝަނަކީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޑައުންޕޭމަންޓަށް 50،000ރ. އަދި އެއް ކޮޓަރިއަށް 40،000ރ. ދެއްކުމެވެ. އެކަމަކު އެ ފައިސާ އެއް މަހުން ދައްކަންޖެހޭ ކަމަށާއި ބާކީ ފައިސާ ދައްކަންޖެހޭނީ ނުވަ މަސް ދުވަހަށް ބަހާލައިގެން ކަމަށެވެ.
"މީގެ އިތުރަށް ނުވަ މަސް ވަންދެން އެއް ކޮޓަރީގެ ތަންތަނަށް 7000 އަދި ތިން ކޮޓަރި އަށް 13000ރ. އެ އަދަދުތައް ހަދާފައި ހުރީ މަހަކު ޖެހޭ އަދަދުން. އޭރުން ކުރިއަށް ވުރެ ކުލި ބޮޑުވޭ. މި އޮޕްޝަން ނެގީމަ އިތުރު ތަކުލީފެއް މި ޖެހެނީ. މިހެން ހަދައިގެން ކުންފުންޏަށް ވަރަށް ބޮޑު ފައިދާއެއް އެ ނަގަނީ."
އެ މުވައްޒަފުން ބޭނުންވަނީ ޑައުންޕޭމަންޓަކާ ނުލާ ފްލެޓަށް ވަދެވެން އޮތް ނަމަ އެ ފުރުސަތު ދިނުމަށެވެ. އަދި ޑައުންޕޭމަންޓެއް ނަގާ ނަމަ، އެއް ކޮޓަރިއަށް 25،000 އަދި ތިން ކޮޓަރިއަށް 50،000ރ. ނެގުމަށް އެމީހުން އެދެ އެވެ.
އެމީހުންގެ ފަރާތުން އެދިފައި ވަނީ ފްލެޓަށް ވަނުމަށް ފަހު ވަކި މުއްދަތެއް ވަންދެން ކުލި ފަސްކޮށްދެވެން އޮތް ނަމަ، އެކަން ވެސް ކޮށްދިނުމަށެވެ.
ފްލެޓާ ގުޅިގެން އެކަށީގެންވާ މައުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ މުވައްޒަފުން ކުރާއިރު އެމީހުން ބުނެފައިވާ ގޮތުގައި އެ ފްލެޓްތަކަކީ ވެސް އެތަން ހަދާ ނިމޭއިރު ބަދިގެ ސެޓް ކަހަލަ އެއްޗެހި ހަރުނުކޮށްދޭ ތަނެކެވެ. އެހެންވެއްޖެ ނަމަ، އެ ހަރަދުތަކަށް ވެސް އެމީހުންގެ އަތުން ބޮޑު ހަރަދެއް ދާނެތީ އެކަންކަމުގެ މައުލޫމާތު ކޮމިޓީން ހޯދައިދޭން މުވައްޒަފުން އެދިފައިވެ އެވެ.
އެ ކޮމިޓީއަށް ކުންފުނިންދީފައިވާ މައުލޫމާތުން އެނގޭ ގޮތަށް އެ މަޝްރޫއު ހިންގަން ކުންފުނީގެ ކޭޝް ފްލޯ އިން 315 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. ބީއެމްއެލް އިން 110 މިލިއަނުގެ ލޯނެއް ވެސް ނަގާފައިވާއިރު ކޮންޓްރެކްޓަރާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޕޭމަންތް ޝެޑިއުލްގެ ތެރޭގައި 141 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. މުޅި ޕްރޮޖެކްޓަށް 866 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެހެންވެ މެމްބަރުން ފާހަގަކުރެއްވީ ލޯނު ނަގައިގެން ހަދާ ބޮޑު މަޝްރޫއަކަށްވާއިރު ކުންފުންޏާއި ދައުލަތުގެ އިތުރުން މުވައްޒަފުންނަށް ވެސް ގެއްލުންނުވާނެ ގޮތަކަށް އެ ކަމުގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރެއްގައި "ހާވާފައިވާ ހަޑިއެއް" މި ސަރުކާރަށް ސާފުކުރަން ޖެހިފައިވާކަމަށާއި އެކަމުގައި ރަނގަޅު ގޮތަކަށް ނިމެނޭ ކަމުގެ އުއްމީދު މެމްބަރުން ދެ އެވެ.