07 ސެޕްޓެމްބަރ 2022 - 11:11

ރާއްޖޭގައި ކުށް ކުރުން ގިނަވެ ގާނޫނު ތަންފީޒު ނުކުރެވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ބޭރު ކޮށްލައިފި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލާގައި ބުނާ ގޮތުން ރާއްޖޭގައި ގޮތް ނޭނގޭ މަރުތަކާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި މާރަމާރީތަކާއި ޖިންސީ ގޯނާ ކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
އެފަދަ ކުށް ކުރާ މީހުން މުޖުތަމައު ތެރޭގައި މިނިވަންކަމާ އެކު އުޅެމުން ދާއިރު ފިޔަވަޅު ނޭޅުމުގެ ސަބަބުން ބައެއް ސިޓީތަކާއި ރަށްރަށް ހަލާކުގެ ތެރެއަށް ވެއްޓެމުން ދާ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.
"...ހާއްސަކޮށް އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލަ އާއި އެކަމާ ގުޅިގެން ހިނގާ މާރާމާރީ އާއި ވައްކަން އިންތިހާ އަށް އިތުރުވެ ރައްޔިތުން ގޮތް ހުސްވެ ކަންބޮޑުވެފައިވާ އިރު ވެސް އެކަށޭނަ ހައްލެއް ހޯދައި ދެވިފައެއް ނުވޭ،" ކުއްލި މައްސަލާގައި ބުނެފައި ވެ އެވެ.
ކުށް ކުރާ ފަރާތްތަކަށް އަދަބު ނުދިނުމާއި އެ މީހުންގެ މައްޗަށް ގާނޫނު ނުހިނގުމުގެ ސަބަބުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައި، ކުށް ކުރާ ފަރާތްތަކަށް އާންމު ފަރާތްތަކުން އަނިޔާކޮށް ގަންހިންގުން ފަދަ ކަންކަން މުޖުތަމައު ތެރޭގައި އާންމުވެފައިވާ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.
އެފަދަ ކަންކަން ރިޕޯޓު ކުރެވުމުން އަވަހަށް ފިޔަވަޅު އަޅައި މުޖުތަމައު އާއި އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމަށް އެ ކުއްލި މައްސަލާގައި ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި 25 މެމްބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އަދި ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.
އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ގިނަ ބިލުތަކާއި ގަރާރު އަދި ކުއްލި މައްސަލަތަކާ ދެކޮޅަށް ވޯޓު ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އާންމު ގޮތެއްގައި ތްރީ ލައިން ވިޕް ނެރެ އެވެ. އެ މައްސަލައިގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކާއި ބައެއް އެމްޑީޕީގެ މެމްބަރުން ވެސް ފާޅު ކުރައްވަ އެވެ.