07 ސެޕްޓެމްބަރ 2022 - 10:39

ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރޭ ކަރެކްޝަންސްގެ 51 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ފަށައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫގެ ދަށުން އެ ތަނުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޖަލު އޮފިސަރުންގެ ޒިންމާ އާއި ވާޖިބުތައް އަދާކުރުމުގައި، ވަރަށް ގިނަ ދަތިތަކަކާއި ކަންބޮޑުވުންތައް އެބަހުރިކަން ފާހަގަވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޖަލުތަކުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުމުގައި ހުރި ދަތިތައް ކަމަށާއި އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ގައިދީން ބަންދުކޮށްފައި ތިބޭ ތަންތަނަކީ، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް، ޒަމާނުއްސުރެ އަމާޒުވަމުންދާ ތަންތަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ތަންތަނުގެ އޮޑިޓެއް ހަދައިފައިވާނެ ކަމަށެވެ.
"އެ އޮޑިޓުން އެނގުނީ، އިދާރީ ގޮތުން ޖަލުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، ގައިދީންނާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ވަރަށް ގިނަކަން. އެ އޮޑިޓްގެ ހުށަހެޅުންތަކާ އެއްގޮތަށް، ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާ އެކު ފުރިހަމަކޮށް، މި މަހުގެ ދެ ވަނަ ދުވަހު ވަނީ 32 ގައިދީއަކު، އެ މީހުންގެ އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ޖަލުގައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފިޔަ ނުދީ އިސްލާހުކޮށް އަލުން އަނބުރާ މުޖުތަމައަށް ނެރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.
ޖަލުތައް ބެލެހެއްޓުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތަކުގެ ތޮއްޖެހުން ކަމަށާއި އެ ކަމަށް އޮތް ހައްލަކީ ޖާގަ އިތުރުކުރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.