ކަންގަނާގެ "ތެޖަސް" އަންނަ އަހަރަށް ފަސްވެއްޖެ
ކަންގަނާގެ "ތެޖަސް" އަންނަ އަހަރަށް ފަސްވެއްޖެ

ބޮލީވުޑްގެ ތަރި، ކަންގަނާ ރަނައުތު ލީޑު ރޯލުކުޅޭ ފިލްމު "ތެޖަސް" ރިލީޒްކުރާ ތާރީހު ފަސްކޮށްފި އެވެ.

އެ ފިލްމަކީ އިންޑިއާގެ އެއާ ފޯސް ފައިލެޓް ތެޖަސް ގިލްގެ ހަޔާތަށް ނެރޭ ފިލްމެކެވެ. ކުރިން އޮތީ އޮކްޓޫބަރު ފަހެއްގައި ފިލްމު ރިލީޒްކުރާ ގޮތަށެވެ.

އެކަމަކު ރޮނީ ސްކްރޫވާލާ ލެޑް ޕްރޮޑަކްޝަން ހައުސުން ނެރޭ އެ ފިލްމު ފަސްކުރީ ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ އެ ފިލްމަކީ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްތަކެއް ވެސް ހިމެނޭ ފިލްމަކަށްވާއިރު އަދިވެސް ނުނިމި ގިނަ މަސައްކަތްތަކެއް އެބަ ހުއްޓެވެ. އެހެންވެ އަވަސް އަރުވާލައިގެން ފިލްމު ނިންމުމުގެ ބަދަލުގައި ހަމަޖެހިލައިގެން ފިލްމު ރިލީޒްކުރުމުގެ ބޭނުމުގައި ފިލްމު ފަސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިހާރު އޮތް ގޮތުން ނަމަ ބޮޑަށް ބުރަވެވެނީ އަންނަ އަހަރުގެ ޖެނުއަރީގައި ފިލްމު ރިލީޒްކުރާނެ ކަމަށެވެ. ނޫން ނަމަ މިއަހަރުގެ ޑިސެމްބަރުގައި ފިލްމު ނެރުމަށް ތާރީހެއް ކަނޑައެޅުން ވެސް ގާތެވެ.

އެ ފިލްމަކީ ގައުމު އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ސިފައިންކުރާ މަސައްކަތްތަކާއި އެމީހުންނާ ކުރިމަތިވާ ޗެލެންޖުތައް ވެސް ދައްކުވައިދޭނެ ފިލްމެކެވެ.

ކަންގަނާ އެންމެ ފަހުން ފެނުނީ "ދާކަޑް" އިންނެވެ. އެކަމަކު ފިލްމަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެ އޭނާ މިހާރު މަސައްކަތްކުރަމުން ދަނީ "އިމަޖަންސީ" ގަ އެވެ. އެ ފިލްމު ޑައިރެކްޓްކޮށް ލީޑު ރޯލު ކުޅޭނީ ވެސް އޭނާ އެވެ.