06 ސެޕްޓެމްބަރ 2022 - 15:22

މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު 2022"ގެ ޕްރީ ޝޯ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ހުކުރު ދުވަހު ހަވީރު 4-6 އަށް ބޭއްވުމަށް ތައްޔާރުވަމުންދާ ޕްރީ ޝޯ އަކީ އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ.
މި ޕްރީ ޝޯގައި ތަފާތު އެކި އުމުރުފުރާއާ ގުޅޭ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި، ބޮޑުބެރު، ޒުމްބާ އަދި ކުޑަކުދިންނަށް ހާއްސަ ކާރާޓޭގެ ހަރަކާތްތައް ވެސް ފެނިގެންދާނެ އެވެ. އަދި އެވޯޑާ ގުޅޭ މުހިންމު މައުލޫމާތު ވެސް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އެ ޕްރީ ޝޯގައި ބްރޯޑްކާސްޓް އެވޯޑުގެ ސްޕޮންސަރުން ވެސް ބައިވެރިވާނެ ކަމަށާއި، ސްޕޮންސަރުންގެ ހިދުމަތްތަކާއި އުފެއްދުންތަކުގެ މައުލޫމާތު ޕްރީ ޝޯގެ ތެރެއިން ލިބޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ޕްރީ ޝޯ ބޭއްވުމަށް ނިންމާފައިވަނީ ހުކުރު ދުވަހު ހަތަރެއް ޖަހާއިރު ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގަ އެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެގޮތުން ޖަޖިން ޕެނަލުގެ މަސައްކަތްތައް ނިންމައި، މާކްސް ޝީޓް އޮޑިޓް ޕާޓްނަރާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" ގެ އޮޑިޓް ޕާޓްނަރަކީ "ކްރޯ މޯލްޑިވްސް" އެވެ. އޮޑިޓް ޕާޓްނަރުގެ ޒިންމާގެ ތެރޭގައި އެވޯޑް ލިބޭ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމާއި މުޅި އެވޯޑްގެ ހަމަހަމަކަން ކަށަވަރުކުރުން ހިމެނެ އެވެ.
އެ އެވޯޑުގެ ޖަޖިން ޕެނަލުގައި ހިމެނެނީ ބްރޯޑްކާސްޓިން އަދި ޕްރޮޑަކްޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެތެރޭގައި، މަރިޔަމް ޝައުގީ، މަސްއޫދު އަލީ، އަދި ޑރ. ލުޖެއިން އިސްމާއިލް ޝަފީގު ހިމެނެއެވެ. ޑައިރެކްޓަރު އަދި ފިލްމް ޕްރޮޑިއުސަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި، މާކެޓިން ދާއިރާއިން އިމްޖާދު ޖަލީލާއި، އަދި ދީނީ އިލްމުވެރިޔާ ސާމިޔާ ޒަކަރިއްޔާ ވެސް އެ ޕެނަލުގައި ހިމެނި ވަޑައިގަންނަވަ އެވެ.
އެ އެވޯޑުގެ އެސޯސިއޭޓް ޕާޓްނަރަކީ އެމްޓީސީސީ އެވެ. އޮފިޝަލް ސްޕޮންސަރުންނަކީ ސްޓެލްކޯ އަދި އެފްއެސްއެމްއެވެ. އަދި ހޮސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ. އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ.
އެ އެވޯޑުގެ ވަކިވަކި އެވޯޑުތައް ސްޕޮންސާ ކުރި ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ، ފެނަކަ، އެމްޕީއެލް، މޯލްޑިވިއަން، އަލްޝާލީ މެރިން، މެޑްޓެކް އަދި ލިޓަސް ހިމެނެއެވެ.