06 ސެޕްޓެމްބަރ 2022 - 14:14

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގެ މަޖިލީހުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ނެރެފި އެވެ.
މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުން ސައީދު ނެރުނީ އޭނާ އަކީ ޔާމީންގެ ފަރާތުން ހެއްކެއްގެ ހުށަހަޅާފައިވާ ބޭފުޅަކަށް ވާތީ، އެކަން ދައުލަތުން ފާހަގަކުރުމާ އެކުގަ އެވެ.
ދައުލަތުން ބުނީ ސައީދަކީ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ މެންބަރެއް ކަމަށް ވާއިރު ދައުލަތުގެ ހެކިވެރިންގެ ބަޔާންތަކުގައި އެ ކައުންސިލްގެ ވާހަކަތައް އެބަހުރި ކަމަށެވެ. އެހެންވެ އެހެން ހެކިވެރިންގެ ވާހަކަތަކަށް ބިނާކޮށް ހެކި އުފެއްދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިކަން ދައުލަތުން ފާހަގަކުރުމާ އެކު ދިފާއުން ބުނީ މިއީ ލައިވްކޮށް ދައްކާ ޝަރީއަތެއް ކަމަށް ވާތީ ސައީދު ޝަރީއަތުގެ މަޖިލީހުން ނެރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ސައީދުގެ ވާހަކަ ދައުލަތުން ފާހަގަކުރީ އަބުރު ނަގާލުމުގެ ބޭނުމުގައި ކަމަށް ވެސް ދިފާއުން ބުންޏެވެ.
މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވެސް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި އިނުމެކޭ ގޭގެ ސިޓިންރޫމްގައި އިނުމެކޭ މި ޝަރީއަތުގައި ތަފާތެއް ނެތް ކަމަށެވެ. ނަމަވެސް ކޯޓުގެ އާންމު އުސޫލަކީ ހެކިވެރިއެއް ކަމަށްވާ ނަމަ އެ ހެކިވެރިޔަކު ހާޒިރުކުރަން އޮންނަ ޝަރީއަތުގެ މަޖިލީހަށް ނޫނީ ނުވައްދާ ކަމަށެވެ. އެހެންވެ ގާޒީ ނިންމެވީ ސައީދު ޝަރީއަތުގެ މަޖިލީހުން ނެރުމަށެވެ.
ސައީދު ޝަރީއަތުގެ މަޖިލީހުން ނެރުނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ފަހު ޝަރީއަތް މެދުކަނޑާލައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް ނެގުމުގެ ކުރިންނެވެ. އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ނިންމާފައި ވަނީ ދައުވާ ލިބޭ ފަރާތުން އެގޮތަށް ކުރިން އެދުމުންނެވެ. އެއީ އެކަކު އަނެކަކުގެ ވާހަކަތައް އަހައި ވަކި ގޮތަކަށް ހެކިބަސް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ އެވެ.
އިސް ގާޒީ މިއަދު ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތުގެ ކޯޓަށް ހާޒިރުކޮށްފައި ތިބީ ހެކިބަހަށް ނުފޫޒު ނުފޯރާ ގޮތަށް، ދިފާއުން އެދުނު ކަންކަން ހާސިލްވާ ގޮތަށް ކަމަށެވެ.
އަލުން ޝަރީއަތް ފަށައި އަދީބުގެ ހެކިބަސް ނަގަން ފެށީ ސައީދު ޝަރީއަތުގެ މަޖިލީހުން ނެރުމަށް ފަހުގަ އެވެ.