06 ސެޕްޓެމްބަރ 2022 - 14:49

ފީނާ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސައިން އާއި މުޙައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޕެރޫގެ ލިމާގައި ފެށި ޗެމްޕިއަންޝިޕްގައި ވާދަކޮށް، އާން މުގުރާލީ ހަތް އަހަރުވީ 50 މީޓަރ ލޯންގްކޯސް ބަޓަފްލައި އިވެންޓްގެ ރެކޯޑެވެ.
ކުރިން މި އިވެންޓްގެ ގައުމީ ރެކޯޑް އޮންނާނީ ކުރީގެ ފެތުންތެރިޔާ ނިޝްވާން އިބްރާހިމް އަތުގަ އެވެ. ރަޝިއާގައ 2015 ގައި ވޯލްޑް ޗެމްޕިއަންޝިޕް ސީނިއާ މުބާރާތުގައި ނިޝްވާން ރޭސް ނިންމީ 27.42 ސިކުންތުންނެވެ.
މިދިޔަ އާދިއްތަ ދުވަހު ނިމިގެން ދިޔަ މުބާރާތުގައި އާން ގައުމީ ރެކޯޑް ހެދީ 27.25 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އުންމީދީ ފެތުންތެރިޔާ ރިހާން މުގުރާލީ، 200 މީޓަރ ބަޓަފްލައި ސްޓްރޯކްގެ ގައުމީ ރެކޯޑެވެ. އެ ރެކޯޑް އޭނާ މުގުރާލީ ކުރިން މި ރެކޯޑް އޮތް މުބާލް އައްޒާމް އިބްރާހިމަށް ވުރެ ގާތްގަތްޑަކަށް ދެ ސިކުންތު އަވަހަށް ރޭސް ނިންމައިގެންނެވެ.
މުބާލް ގައުމީ ރެކޯޑް ހެދީ ޖޫން މަހު ހަންގޭރީގައި ބޭއްވި ސީނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި 2:36.74 (2 މިނެޓް 36.74 ސިކުންތު) އިންނެވެ. އެ ރެކޯޑް ޖޫނިއާ މުބާރާތުގައި ރިހާން މުގުރާލީ 2:34.77 އިންނެވެ.
މިދިޔަ މަހު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކުރި މި ދެ ފެތުންތެރިން ވަނީ އެ ގޭމްސްގައި ވެސް ގައުމީ ރެކޯޑެއް މުގުރައިލައިފަ އެވެ. ގައުމީ ޗެމްޕިއަން އާން ވަނީ ކޮމަންވެލްތު ގޭމްސްގައި ތިން ރެކޯޑެއް މުގުރާލައިފަ އެވެ. އޭނާ މުގުރާލީ 50 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ފްރީ ސްޓައިލް އަދި 100 މީޓަރު ބަޓަފްލައި ސްޓްރޯކްގެ (ލޯންގް ކޯސް) ރެކޯޑެވެ.
ބަޓަފްލައި ސްޓްރޯކް ލޯންގްކޯސް 100 މީޓަރުގެ ގައުމީ ރެކޯޑް އާން މުގުރާލުމުގެ ކުރިން ހަމަ އެއިވެންޓްގެ ހީޓް 1 ގައި ވާދަކޮށް ރިހާން ރެކޯޑް ހެދި އެވެ. އާން ރެކޯޑް މުގުރާލީ އޭގެ ފަހުން އެހެން ހީޓެއްގަ އެވެ.
ރިހާން އެ ރެކޯޑް ހެދުމުގެ ކުރިން، އެ ރެކޯޑް އޮންނަނީ ކުރީގެ ފެތުންތެރިޔާ ނިޝްވާން އަތުގަ އެވެ.
ނިމިދިޔަ ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ތިން ފެތުންތެރިން ވާދަ ކުރި އެވެ. ރިހާން އާއި އާންގެ އިތުރުން ދެން ވާދަ ކުރީ އަންހެން ފެތުންތެރިޔާ އީން އައްބާހެވެ.