06 ސެޕްޓެމްބަރ 2022 - 13:28

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުޕްރީމް ކޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން އަމިއްލަ ފަރާތަކުން ބާ ކައުންސިލަށް ހުށަހެޅި މައްސަލައެއް ބަލަން ނިންމައިފި އެވެ.
ޖަމީލްގެ އަނބިކަނބަލުންގެ އާއިލީ ވިޔަފާރިއާ ގުޅޭ މައްސަލަތަކެއްގައި ކޯޓުގައި އެތައް ދައުވާއެއް އުފުލާފައި ވާއިރު އެއިން މައްސަލައެއްގައި ހިމެނޭ މުހައްމަދު އަނީސް މިދިޔަ މެއި މަހު ބާ ކައުންސިލަށް މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގައި ޖަމީލް ވަކާލާތު ކުރައްވަމުން ފަނޑިޔާރުންނާ މުހާތަބު ކުރައްވައި ދައްކަވާފައިވާ ވާހަކަތަކުން، ގާނޫނީ ފަންނުގައި ބުނާ ގާނޫނީ ވަކީލުންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އެވެ.
ޖަމީލް ވާހަކަ ދައްކަވާފައި ވަނީ ޗާންދަނީ މަގުގައި ހުންނަ 17 ނަމްބަރު ފިހާރަ "ތްރީއޭ ޝޮޕް" އަބްދުﷲ އަލީ ކިޔާ މީހަކާ ހަވާލުކުރުމަށާއި ކުލީގެ ބައި ވަކި ދައުވާއެއް ގޮތުގައި ހުށަހެޅުމަށް އަންގައި ހައި ކޯޓުން ހުކުމް ކޮށްފައިވާ މައްސަލައަކާ މެދު ވާހަކަ ދައްކަވަމުންނެވެ.
އެ މައްސަލަކީ ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށާއި އެ ކޯޓުގެ ނިންމުންތަކާ ދެކޮޅަށް ޖަމީލު ވާހަކަ ދައްކާފައިވާ ކަމަށް ބާ ކައުންސިލަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފަ އެވެ.
ޖަމީލުގެ އެ އަމަލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލެއްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ފަދަ އަމަލެއް ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން އެ މައްސަލަ ބަލަން ނިންމައި އެކަން އަންގާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އެ މައްސަލާގައި ބާ ކައުންސިލުން އަދި ފިޔަވަޅެއް ނާޅަ އެވެ.