06 ސެޕްޓެމްބަރ 2022 - 10:49

މާލޭގައި މިނީ ބަހުގެ ދަތުރުތައް އިއްޔެ ފަށާފައިވާއިރު، ބަސް ރޫޓުގައި ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.
"...ބަސް ރޫޓަށް އުނދަގޫވާ ގޮތަށް، ޕާކުކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން ޓޯ ކުރަންޖެހޭ ހާލަތުތަކުގައި ޓޯ ކުރަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ފުލުހުން ކުރި ޓުވީޓެއްގައި ވެ އެވެ.
ފުލުހުން ބުނިގޮތުގައި، އެމްޓީސީސީން މާލޭގައި ބަހުގެ ހިދުމަތް ދޭން ފެށުމާއެކު، ބައެއް މަގުތަކުގައި އުޅަނދުތައް ޕާކުކުރުން މަނާކޮށް، ޕާކުކުރުމުގެ އިންތިޒާމުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.
މިނީ ބަހުގެ ދަތުރުތައް ފެށުމަށްޓަކައި މާލޭގެ އެންމެ ބާރު ބޮޑު މަޖީދީ މަގާއި އަމީނީ މަގުގައި އެއްކޮށް ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އޯކިޑް މަގާއި ފަނޑިޔާރު މަގުގައި ވެސް ޕާކްކުރުމުގެ އުސޫލުތަކަށް ފުލުހުން ވަނީ ބަދަލު ގެނެސްފަ އެވެ.
ފުލުހުންގެ އެދުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އިތުރު ސަރަހައްދުތަކުގައި ޕާކިން ޒޯނުތައް ހަދަމުންނެވެ. އޭގެ ތެރެއިން ގިނަ ޕާކިން ޒޯނުތައް މިހާރު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
މާލޭގައި މިނީ ބަހުގެ ދަތުރުތައް އިއްޔެ ފެށިއިރު، ފުރަތަމަ ދުވަހު ވެސް ބައެއް ބަސް ސްޓޮޕްތަކުގައި ވެހިކަލްތައް ޕާކުކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.