2030ގެ ވޯލްޑް ކަޕު ބާއްވަން ޔޫރަޕަށް ލިބޭނެ: ކެފެރިން
2030ގެ ވޯލްޑް ކަޕު ބާއްވަން ޔޫރަޕަށް ލިބޭނެ: ކެފެރިން

ނިއޯން (ސެޕްޓެމްބަރު 6) - ފީފާ ވޯލްޑް ކަޕް 2030 ގެ މުބާރާތް ބޭއްވުމުގެ ބިޑް ސްޕެއިން އާއި ޕޯޗުގަލް އަށް ކާމިޔާބު ވާނެ ކަމަށް، ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.

އެ އަހަރަކީ ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރޭ މުނާސަބަތެވެ. އެ ވޯލްޑް ކަޕު ބާއްވަން ޕޯޗުގަލް އާއި ސްޕެއިން ގުޅިގެން ވަނީ ބިޑެއް އެކުލަވާލާފަ އެވެ. މީގެ ކުރިން ވެސް ދެ ގައުމު ގުޅިގެން ވަނީ ވޯލްޑް ކަޕު ބާއްވަން ހުށަހަޅައިފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަށް ވެސް ސްޕެއިން އާއި ޕޯޗުގަލް ބިޑް ކުރި އެވެ.

ސްޕެއިން އިން އެންމެ ފަހުން ވޯލްޑް ކަޕް ބޭއްވީ 1982 ގަ އެވެ. ޕޯޗުގަލްގައި އަދި މިހާތަނަށް މުބާރާތް ބާއްވާފަ އެއް ނުވެ އެވެ. ކެފެރިން ވިދާޅުވީ ޔޫރަޕްގެ އެ ދެ ގައުމު ގުޅިގެން ތައްޔާރު ކޮށްފައިވާ ބިޑް ކާމިޔާބު ވާނެ ކަމަށެވެ.

"އަހަންނަށް ފެންނަނީ އެ ބިޑަށް ކާމިޔާބު ލިބޭތަން. އެ ބޮިޮޑަށް ކާމިޔާބު ހޯދައިދޭން އަހަރެމެންނަށް ވެވެން އޮތް އެހީއެއް ވާނަން." އޭނާ ވިދާޅުވެފަ އެވެ.

"އެއީ ޔޫރަޕަށް ވޯލްޑް ކަޕް ލިބެންވީ ފަހަރު. އެ ދެ ގައުމަކީ ވެސް ފުޓްބޯޅައިގެ ފޯރި އޮތް ދެ ގައުމު."

ފީފާއިން 2017 ގައި އެކުލަވާލި ގަވާއިދުގައި ވާ ގޮތުން 2030 ވޯލްޑް ކަޕަށް އޭޝިއާ އަދި އުތުރު އެމެރިކާގެ އެއް ވެސް ގައުމަކަށް ހުށަނޭޅޭނެ އެވެ. އެއީ ކުރިއަށް އޮތް ދެ މުބާރާތް މި ދެ ބައްރުގައި ބާއްވާތީ އެވެ. މި އަހަރުގެ ވޯލްޑް ކަޕް އޮންނާނީ ގަތަރުގަ އެވެ. އަދި 2026 ގެ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.

ޕޯޗުގަލް އާއި ސްޕެއިންގެ އިތުރުން، ދެކެނު އެމެރިކާގެ ހަތަރު ގައުމު ކަމަށްވާ، އުރުގުއޭ، އާޖެންޓިނާ ޕެރަގުއޭ، ޗިލީން ވަނީ ހަތަރު ގައުމު ގުޅިގެން ވޯލްޑް ކަޕު ބާއްވަން ބިޑް އިއުލާން ކޮށްފަ އެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕް 1930 ގައި ބޭއްވީ އުރުގުއޭގަ އެވެ. އެފްރިކާ ބައްރުން މޮރޮކޯ ވެސް ވަނީ 2030 ގެ މުބާރާތް ބާއްވަން ބިޑް އިއުލާން ކޮށްފަ އެވެ.

އެ މުބާރާތް ބާއްވާނެ ގައުމެއް ނުވަތަ ގައުމުތަކެއް ފީފާއިން އިއުލާން ކުރާނީ 2024 ގަ އެވެ.