06 ސެޕްޓެމްބަރ 2022 - 09:51

އޮލިމްޕިއާކޮސް (ސެޕްޓެމްބަރު 9) - ފާއިތުވި 16 އަހަރު ރެއާލް މެޑްރިޑަށް ކުޅުނު ބްރެޒިލްގެ ތަރި މާސެލޯ، ގްރީސްގެ އޮލިމްޕިއާކޮސްއާ ގުޅުމުން ސަޕޯޓަރުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އޮލިމްޕިއާކޮސްގެ ކުޅުންތެރިއެއް ގޮތުގައި ސަޕޯޓަރުންނަށް މާސެލޯ ދައްކާލަން ޓީމުގެ ސްޕޯޓިން ޑިރެކްޓަރު އޭނާ ގޮވައިގެން ކުލަބުގެ ސްޓޭޑިއަމަށް ދިޔައިރު، މަރުހަބާ ކިޔަން 20,000 އެއްހާ ސަޕޯޓަރުން ވަނީ އެއް ވެފަ އެވެ.
ރެއާލް މެޑްރިޑޭ އެއްގޮތަށް އޮލިމްޕިއާކޮސް ގައި ވެސް މާސެލޯ ބޭނުން ކުރަން ހަމަޖެހިފައި ވަނީ އޭނާގެ ރަސްމީ 12 ނަމްބަރު ޖޯޒީ އެވެ. ހިލޭ ޓްރާންސްފާއެއްގައި މާސެލޯ އޮލިމްޕިއާކޯސް އަށް ބަދަލުވީ އެއް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި، އިތުރު އަހަރަކަށް މުއްދަތު އިތުރު ކުރުމުގެ އިހުތިޔާރާ އެކު އެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ. އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރާނަން ކުލަބަށް އިތުރު ކުރިއެރުން ހޯދައިދޭން،" މަރުހަބާ ކިޔަން ދަނޑަށް އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބުކުރަމުން މާސެލޯ ބުންޏެވެ.
ފާއިތުވި ތިން ސީޒަނުގައި ވެސް ގްރީސްގެ ލީގު ކާމިޔާބު ކުރި އޮލިމްޕިއާކޮސް އަކީ އެ ގައުމުގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބެވެ. އެޓީމުން ވަނީ 47 ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކޮލިފައިންގައި ނާކާމިޔާބު ވުމުން އޮލިމްޕިއާކޯސް ވަނީ ޔޫރޮޕާ ލީގު ޕްލޭއޮފްގައި ކާމިޔާބު ހޯދައި ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފަ އެވެ. އޮލިމްޕިއާކޯސް ހިމެނެނީ، ފްރާންސްގެ ނަންޓްސް އާއި ޖަރުމަންގެ ފްރެއިބާގާއި އަޒަރުބައިޖާންގެ ޤަރަބާގާ އެއް ގުރޫޕެއްގަ އެވެ.
ރެއާލް މެޑްރިޑަށް 546 މެޗު ކުޅެދީ، 38 ގޯލު ޖެހި އެޓޭކިން ފުލްބެކް މާސެލޯ ވަނީ ރެއާލް އާއެކު ހަ ފަހަރު ލަ ލީގާ ކާމިޔާބުކޮށް، ފަސް ޗެމްޕިއަންސް ލީގާއި ހަތަރު ކްލަބް ވޯލްޑް ކަޕް ނަގައިފަ އެވެ. އޭނާ ވަނީ ޗެމްޕިއަންސް ލިގުގައި ރެއާލް އަށް 102 މެޗު ކުޅެދީފަ އެވެ.
މީގެ އިރުރުން 2006 އިން 2018 އާ ދެމެދު ބްރެޒިލް ގައުމީ ޓީމަށް މާސެލޯ ވަނީ 56 މެޗު ކުޅެދީ، އަށް ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕުގައި ބްރެޒިލް ޓީމަށް ކުޅުމުގެ އިތުރުން އޭނާ ވަނީ 2013 ވަނަ އަހަރު ބްރެޒިލް އާއެކު ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބު ކޮށްފަ އެވެ.