އަންހެނުން ފިރިހެނުންނާމެދު ދެކޭގޮތް ޑިއޮޑްރަންޓުން ބަދަލު ވެދާނެތަ؟
އަންހެނުން ފިރިހެނުންނާމެދު ދެކޭގޮތް ޑިއޮޑްރަންޓުން ބަދަލު ވެދާނެތަ؟

ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ޑިއޮޑްރަންޓް ބޭނުންކުރާ ފިރިހެނުންނަކީ މާ ފިރިހެންވަންތަ ބައެއްކަމަށް ގިނަ އަންހެނުން ދެކެ އެވެ. ނަމަވެސް ފިރިހެންވަންތަކަން މޫނުން ފެންނަ ފިރިހެނުން ޑިއޮޑްރަންޓް ބޭނުން ނުކުރިޔަސް އެމީހުންގެ ފިރިހެންވަންތަކަން އަންހެނުން ފާހަގަކުރެ އެވެ.

އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ސްޓާލިންގައި ހަދާފައިވާ މި ދިރާސާއިން ސައިންސްވެރިންނަށް ހޯދުނު ކަމަކީ ފިރިހެންވަންތަކަން ތަންކޮޅެއް ކުޑަ މީހުން ޑިއޮޑްރަންޓް އުނގުޅައިގެން ގައިން މީރުވަސް ދުއްވާލުމަކީ އަންހެންވެރިންނަށް އެމީހާގެ ފިރިހެންވަންތަކަން ފާހަގަކުރުމަށް އެޅޭ ބާރެއް ކަމެވެ.

މި ދިރާސާގައި ބޮޑަށް ބަލާފައި ވަނީ ޑިއޮޑްރަންޓް ހޭކުމުން ފިރިހެންވަންތަކަން އިތުރުވާ މިންވަރާއި އަންހެންވަންތަކަން އިތުރުވާ މިންވަރެވެ. މި ދިރާސާ ކުރުމަށް އަންހެނުންނާއި ފިރިހެނުން ހިމެނޭ ގޮތަށް 139 މީހަކަށް އަންހެނުންނާއި ފިރިހެނުންގެ ފޮޓޯތަކެއް ދައްކައިގެން އެމީހުންގެ މޫނުގައިވާ ސިފަތަކަށް ބަލާ އެމީހުންގެ އަންހެންވަންތަކަން ހުރި މިންވަރަކާއި ފިރިހެންވަންތަކަން ހުރި މިންވަރެއް ދެނެގަންނަން ޖެއްސި އެވެ. މީގެ އިތުރުން 239 އަންހެނުންނާއި ފިރިހެނުންނަށް އެމީހަކާ އިދިކޮޅު ޖިންސުގެ 40 މީހެއްގެ ހަށިގަނޑުގެ ވަހުގެ ސާމްޕަލުން އެމީހެއްގެ ފިރިހެންވަންތަކަން ނުވަތަ އަންހެންވަންތަކަން ހުރި ވަރު ދެނެގަންނަން ޖެހުނެވެ.

މި ދިރާސާއިން ޔަގީންވީ ކަމަކީ ގައިން ދުވާ ވަހަށް ފިރިހެނުންނަށް ވުރެ އަންހެނުން މާ ސެންސިޓިވް ވެފައި އަޅާލާ ކަމެވެ. އަދި ޑިއޮޑްރަންޓް ނުހާކާ ތިބި އަންހެނުންނަށް ވުރެ ޑިއޮޑްރަންޓް ހާކައިގެން ތިބި އަންހެނުން މާ އަންހެންވަންތަ ކަމަށް ފިރިހެނުން ބުނެފައިވެ އެވެ.

ނަމަވެސް އަންހެންވެރިންނަށް ފިރިހެނުން ޑިއޮޑްރަންޓް ނުހޭކިޔަސް މޫނުގެ ސިފަ ރީތި ނަމަ ފިރިހެންވަންތަ ކަމަށް ބުނެފައިވެ އެވެ. ފިރިހެންވަންތަކަން ކުޑަ މީހުން ޑިއޮޑްރަންޓް ހޭކުމުން ފިރިހެންވަންތަ ކަމަށް ވެސް އަންހެންވެރިން ބުނެފައިވެ އެވެ.

"މީރު ވަހަކީ އަންހެންވަންތަކަން ނުވަތަ ފިރިހެންވަންތަކަން އިތުރުކުރުވާ އެއްޗެއްގެ ގޮތުގައި މާކެޓްކުރަމުންދާކަން އެންމެންނަށް ވެސް އެނގޭނެ. އަހަރެމެންގެ ދިރާސާއިން އެނގުނު ކަމަކީ އަންހެނަކު ޑިއޮޑްރަންޓް ހޭކުމުން އޭނާގެ ގައިން ދުވާ މީރު ވަހާ އެކު އަންހެންވަންތަކަން ވެސް އިތުރުވާކަމަށް ގަބޫލު ކުރެވޭކަން،" މި ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ އޮފް ސްޓާލިންގެ ކެރޮލީން އެލަން ވިދާލުވި އެވެ.

ނަމަވެސް ފިރިހެނުންގެ ގައިން ދުވާ ވަހާއި އެމީހުން ޑިއޮޑްރަންޓް ހޭކުމުން އަންނަ ތަފާތު އަންހެނުން ބަލައިގަތުމުގައި ކޮންމެވެސް އެހެން ކަހަލަ ބަދަލުތަކެއް އުޅޭ ކަމަށް އެލަން ވިދާޅުވި އެވެ.

"ތަންކޮޅެއް ފިރިހެންވަންތަކަން ކުޑަކޮށް ތިބޭ ފިރިހެނުން ޑިއޮޑްރަންޓް ހޭކުމުން ތަފާތު ފެނޭ. ނަމަވެސް ސިފަގަނޑު ރީތި ފިރިހެން ވައްތަރު ޖަހާ ފިރިހެނުންގެ ގައިން ޑިއޮޑްރަންޓް ވަސް ނުދުވިޔަސް އެމީހުން ވަރަށް ފިރިހެންވަންތަކަމަށް އަންހެނުންނަށް ގަބޫލުކުރެވޭ،" އެލަން އިތުރަށް ވިދާޅުވި އެވެ.