06 ސެޕްޓެމްބަރ 2022 - 10:41

މާލޭގެ އެންމެ ހިތްގައިމު އެއް ލޮކޭޝަން، ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި، ތަފާތު ގިނަ ބާވަތްތަކުުގެ ރަހަތައް އެކުލެވޭ ގިނަ ކެއުންތަކަކާ އެކު "ލަވިސްތާ" ރެސްޓޯރެންޓު އިއްޔެ ހުޅުވައިފި އެވެ.

ރެސްޓޯރެންޓުގެ އޮފިޝަލަކު ބުނީ އެ ސަރަހައްދުގައި ރެސްޓޯރެންޓު ހުޅުވީ އެ ސަރަހައްދަކީ އެ ފަދަ ވިޔަފާރިތަކަށް ޑިމާންޑު އޮންނަ ހިސާބަކަށް ވެފައި ކަސްޓަމަރުންނަށް ވެސް ހިތްފަސޭހަ ސަރަހައްދަކަށް ވާތީ ކަމަށެވެ. އަދި އެ ރެސްޓޯރެންޓަކީ، އެ ސަރަހައްދުގެ ހިތްގައިމުކަން ރެސްޓޯރެންޓުގެ ތެރޭގައި ވެސް ތަޖުރިބާ ކޮށްލެވޭނެ، ޖާގަ ތަނަވަސް ތަނެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ލަވިސްތާގައި ރާއްޖޭގައި އާއްމުކޮށް ގިނަ ބަޔަކަށް ކަމުދާ ހުރިހާ ކެއުމެއްހެން ވެސް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ފްރައިޑް ރައިސް އާއި ނޫޑްލްސް އަދި ނާސި ގޮރެންގް ފަދަ ޑިޝްތައް ހިމެނެއެވެ. އެ ރެސްޓޯރެންޓުގައި އިންޑިއާގެ ރަހަތައް އެކުލެވޭ ޗިލީ ޗިކަން އާއި ތަންދޫރީ ޗިކަން ފަދަ ޑިޝްތައް ހުރި އިރު ގިނަ ތައި ޑިޝްތަކެއް ވެސް މެނޫގައި ހިމެނެއެވެ. އޭގެ ތެރެއިން ތޮމް ޔަމް ސީފުޑް ސޫޕް އާއި ޗިކަން ސާޓޭ، ސީފުޑް ޗޮޕް ސުއޭ ފާހަގަ ކޮށްލެވެ އެވެ.
އެ ރެސްޓޯރެންޓުގައި ގިނަ ބާވަތްތަކެއް ހުރި އިރު، ސިއްހަތަ ފައިދާ ހުރި އެކި ވައްތަރުގެ ސެލެޑު ވެސް މެނޫގައި ވަނީ ހިމަނައިފަ އެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށް އައިސްކްރީމް، ޓިރަމިސޫ އަދި މޫސް ފަދަ ޑެޒާޓާއި ތަފާތު އެކި ވައްތަރުގެ ސޭންޑްވިޗް، ޕިއްޒާ އަދި ބާގާ ވެސް މެނޫގައި ހިމެނެ އެވެ.
އެ ރެސްޓޯރެންޓުގައި ހެނދުނުގެ ނާސްތާ އަށް ރާއްޖޭގެ ގިނަ ރަހަތަކަކާއި ބޭރުގެ ރަހަތައް ތަޖުރިބާ ކޮށްލެވޭނެ ގިނަ ކެއުންތައް ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ. އަދި ކޮފީގެ ގިނަ ވައްތަރުތަކާއި ފްރެޝް ޖޫސް، މިލްކްޝޭކް އަދި މޮހީޓުގެ ގިނަ ރަހަތަކެއް ވެސް ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
އެ ރެސްޓޯރެންޓު ހުޅުވާފައި ވަނީ ޓޭކްއަވޭ އަށް ހާއްސަ ބައެއް ވެސް ރެސްޓޯރެންޓުގެ ތިރީގައި ހިމަނައިގެންނެވެ. ޓޭކްއަވޭ ތަނުން ގިނަ ވައްތަރުގެ އައިސްކްރީމާއި ކޮފީ އަދި ރަހަ މީރު ގިނަ ބުއިންތައް ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ.
ލަވިސްތާ ރެސްޓޯރެންޓަކީ ދެ ބުރީގެ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓުގެ މަތީގައި އޭސީ ބައެއްގެ އިތުރުން އައުޓް ޑޯ ސަރަހައްދެއް ވެސް ހިމެނެއެވެ.