"އޯކޭ ޖާނޫ" ސެންސަރު ބޯޑުން ފާސްކޮށްދިނުމުން ޝަކުވާ
"އޯކޭ ޖާނޫ" ސެންސަރު ބޯޑުން ފާސްކޮށްދިނުމުން ޝަކުވާ

ޑައިރެކްޓަރު ޝާދު އަލީގެ "އޯކޭ ޖާނޫ" އަކީ ކައިވެނި ނުކޮށް އެކުގައި ދިރިއުޅޭ ޒުވާން ލޯބީގެ ޖޯޑެއްގެ ވާހަކަ އެވެ. މި މައުލޫއަކީ އިންޑިއާ ކަހަލަ މުޖުތަމައަކާ ވަރަށް ނުގުޅޭ މައުލޫއަކަށް ވިޔަސް އެ ގައުމުގެ ސެންސަރު ބޯޑުން ފިލްމު "ޔޫއޭ" ސެޓްފިކެޓެއް ވަނީ ދީފަ އެވެ. އެއީ ބެލެނިވެރިއެއްގެ ހާޒިރުގައި ކުޑަކުދިންނަށް ވެސް ބެލޭ ވަރުގެ ފިލްމެއްކަން އަންގައިދޭ ސެޓްފިކެޓެވެ.

ސެންސަރު ކުރަން ޖެހުނީ އެންމެ ހަތަރު ތަންކޮޅު ކަމަށާއި އެއީ ޑައިލޯގްގައި ހިމެނޭ ހަތަރު ބަހަށް ވާތީ މާ ބޮޑު މައްސަލައެއް ނެތި އެތަންތަން ސެންސަރު ކޮށްލެވޭ ކަމަށް ފިލްމާ ގުޅުން ހުރި މީހަކު ބުންޏެވެ.

މި ފިލްމު ސެންސަރު ބޯޑުން ފާސް ކޮށްދިނުމުން މައްސަލަ ޖައްސާ މީހުން ބުނަނީ ސެންސަރު ބޯޑުގެ ޗެއާމަން ޕެހެލަޖް ނިހަލާނީ އަކީ ވަކި އަތަކަށް ޖެހި ހުސްވެފައިވާ މީހެއް ކަމަށެވެ. "އޯކޭ ޖާނޫ" އަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ފިލްމަކަށް ވާތީ އެ ފިލްމަށް ގޮތެއް ހަދާލަން ނުކެރުނީ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ޚާއްސަކޮށް މި ފިލްމުގައި ހިމެނޭ ވަރަށް ގިނަ ގައިގޯޅި މަންޒަރުތައް ކަނޑާފައި ނުވާތީ ގިނަ ބަޔަކު ސެންސަރު ބޯޑަށް ފާޑު ކިޔާފައިވެ އެވެ.

މިއީ 2015 ގައި ނުކުތް ވަރަށް ކާމިޔާބު ތަމަޅަ ފިލްމެއް ކަމަށްވާ "އޯކޭ ކަދަލް ކަންމަނީ"ގެ ރިމޭކް އެކެވެ. ތަމަޅަ ފިލްމަށް ސެންސަރު ބޯޑުގައި ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވި އެވެ. "އޯކޭ ޖާނޫ" އެހާ ފަސޭހައިން ސެންސަރުކޮށްދިނުމުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވީ އެހެންވެ އެވެ.

ދާދިފަހުން ރިލީޒްކުރި "ބޭފިކްރޭ" އަށް ޔޫއޭ ސެޓްފިކެޓެއް ދިނުމުން ވެސް ސެންސަރު ބޯޑަށް ގިނަ ބަޔަކު ފާޑު ކިއެވެ.

ދުވަސްކޮޅެއް ކުރިން ސެންސަރު ބޯޑުގެ ޗެއާމަން ދީފައިވާ އިންޓަވިއުއެއްގައި ކަރަން ޖޯހަރަށް ވީމާ "އޯކޭ ޖާނޫ" އަށް ރަނގަޅަށް ކަންތައް ކޮށްދޭނެކަމުގެ އިޝާރާތެއް ކޮށްފައިވެ އެވެ. އޭނާ ބުނީ ކަރަން އެއްވެސް ހާސްކަމެއް ނެތި "އޯކޭ ޖާނޫ" ހިފައިގެން ސެންސަރު ކުރަން އައުމަށެވެ. އަދި އޭނާއަށް ވީހާ ވެސް ރަނގަޅަކަށް ކަރަންގެ ފިލްމާ ދޭތެރޭ ކަންތައް ކޮށްދޭނެ ކަމަށް ޗެއާމަން ބުނެފައިވެ އެވެ.

ޕެހެލަޖް ނިހަލާނީ ބުނި ގޮތުގައި ކަރަންގެ ބައްޕަ ޔާޝް ޖޯހަރަކީ އޭނާގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަދި ވަރަށް ރަނގަޅު މީހެކެވެ. އެހެންވެ ކަރަން އަކީ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.

"އޯކޭ ޖާނޫ" އަކީ "އާޝިގީ 2"ގެ ބޮޑު ކާމިޔާބީ އަށް ފަހު އެ ފިލްމުގައި ލީޑް ރޯލު ކުޅުނު ދެ ތަރިން ކަމަށްވާ އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރު އެކުގައި ކުޅޭ ފިލްމެކެވެ. ޖެނުއަރީ 13 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރާއިރު ބޮކްސް އޮފީހުގައި ކުރިމަތިލާނީ ދީޕިކާ ޕަދުކޯން އާއި ވިން ޑީސަލްގެ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" އާ އެވެ.