އަސަރުގަދަ ލޯބީގެ ފިލްމު "އާޝިގީ 3" ކާތިކަށް
އަސަރުގަދަ ލޯބީގެ ފިލްމު "އާޝިގީ 3" ކާތިކަށް

ބޮލީވުޑްގެ ޑައިރެކްޓަރު އަނުރާގް ބާސޫގެ ފިލްމެއްގައި މަސައްކަތްކުރަން ޒުވާން ތަރި ކާތިކް އާރިޔަންއަށް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވަނިކޮށް އެ ފިލްމަކީ "އާޝިގީ 3" ކަން ކާތިކް އިއުލާންކޮށްފި އެވެ.

މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި އާޝިގީގެ ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. އަދި 2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު ފިލްމުގެ ދެވަނަ ބައިން ފެނުނީ އަދިތުޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ.

ބޮޑު ތަރުހީބެއް ލިބުނު ފިލްމުގެ ތިން ވަނަ ބައި ލިބުނުކަން އިއުލާންކޮށް ކާތިކް ބުނީ މިއީ އަނުރާގްއާ އެކު މަސައްކަތްކުރަން ލިބުނު ފުރަތަމަ ފިލްމު ކަމަށާއި މިއީ ވަރަށް ހާއްސަ މަސައްކަތެއް ކަމަށެވެ.

އަޝީގީ އަކީ ރީތި ގިނަ ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ. މަގްބޫލުވި އެލަވަތައް މިއަދު ވެސް ގިނަ ބަޔަކު އަހަ އެވެ.

އެ ފިލްމުގައި ކާތިކްއާ އެކު މަސައްކަތްކުރާނެ ލީޑު ބަތަލާ އަދި އިއުލާނެއް ނުކުރެ އެވެ.

އެ ފިލްމު އިއުލާނުކޮށް އަނުރާގް ދިން އިންޓަވިއުއެއްގައި ބުނީ އާޝިގީގެ ދެ ފިލްމަކީ ވެސް ހިތްތަކާ ކުޅެލި ދެ ފިލްމު ކަމަށާއި އަދިވެސް އެ އިހުސާސްތައް ސަޕޯޓަރުންގެ ހިތްތަކުގައިވާ ކަމަށެވެ. އަދި ފިލްމުގެ އިތުރު ބަޔަކާ އެކު ކުރިއަށް ދިއުމުގެ ބޭނުމަކީ އެ ލެގަސީ ކޮންމެހެން ވެސް ދެމެހެއްޓުން ކަމަށް އަނުރާގް ބުންޏެވެ.

"މިއީ ކާތިކްއާ އެކު އަހަރެންގެ ފުރަތަމަ މަސައްކަތްކަށް. ކާތިކް އެނގެނީ އޭނާގެ ބުރަ މަސައްކަތާއި މަސައްކަތަށް އެދޭ ޑެޑިކޭޝަނާއި އޭނާގެ އެ ހިތްވަރަށް. މި މަސައްކަތަށް ވަރަށް ކެތްމަދުވެފައި މި ހުރީ،" އަނުރާގް ބުންޏެެވެ.

ކާތިކަކީ 2015 ގައި ޕިޔާރުކާ ޕަންޗުނާމާ އިން ބޮލީވުޑަށް ނިކުތް ޒުވާނެކެވެ. އޭނާގެ މަގްބޫލުކަން އިތުރުވީ 2018 ގައި ނިކުތް ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ އިންނެެވެ. އޭގެ ފަހުން ބޮލީވުޑްގެ ފިލްމުތަކަށް ނުތަވަަސްކަމެއް މެދުވެރިވެފައިވަނިކޮށް މިއަހަރު އޭނާ ދިން ހިޓު ފިލްމު، "ބޫލް ބުލައްޔާ 2" އަކާ އެކު ޑައިރެކްޓަރުން ދަނީ އޭނާއާ އެކު މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

މިވަގުތު ވެސް އިތުރު ދެ ފިލްމެއްގެ މަސައްކަތް ކާތިކް އެބަ ކުރެ އެވެ. އެއީ "ޝެހެޒާދާ" އާއި "ސަތުޔަ ޕްރޭމްކީ ކާތާ އެވެ.