06 ޖެނުއަރީ 2017 - 05:51

ރިތިކް ރޯޝަންގެ އާ ފިލްމު "ގާބިލް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމު ރިލީޒްކުރުމުގެ ކުރިން މިހާރުވެސް ފިލްމުގެ ޚަރަދު ފޫބެދި ފައިދާ ވާން ފަށައިފި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ބުނީ އޭނާ އަކީ އަބަދުވެސް ވަކިވަކި ޑިސްޓްރިބިއުޓަރުންނަށް ފިލްމު ވިއްކާ މީހެކެވެ. އެހެންކަމުން އިންޑިއާގައި އޭނާ ހުރިހާ ޑިސްޓްރިބިއުޓަރުންނަށް ފިލްމު ވިއްކާލުމުން ޖުމްލަ ލިބޭ އަގު 42 ކްރޯޑު (420 މިލިއަން) އަށް ވުރެ މައްޗެއް ނުވާނެ އެވެ.
ޕްރޮޑިއުސަރު ބުނީ ރިތިކާއި އޭނާގެ އަގު ނުހިމަނައި، ފިލްމު އުފައްދާފައި ވަނީ 35 ކްރޯޑު (350 މިލިއަން)ގެ ބަޖެޓަކުން ކަމަށާއި ޕްރޮމޯޝަން އާއި އިތުރު ޚަރަދުތަކަށް 15 ކްރޯޑު (150 މިލިއަން) ޚަރަދު ކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ފިލްމުގެ ސެޓެލައިޓް ރައިޓްސް 50 ކްރޯޑު (500 މިލިއަން) އަށް ވިކިފައިވާ ކަމަށާއި މިއުޒިކް އަށް ކްރޯޑް (80 މިލިއަން) އަށް ވިކިފައިވާ ކަމަށެވެ. އަދި ބޭރު ގައުމުތަކަށް ފިލްމު ވިއްކައިގެން 16 ކްރޯޑު (160 މިލިއަން) ލިބިފައިވާ ކަމަށް ވެސް ރާކޭޝް ރޯޝަން ބުންޏެވެ. އެހެންކަމުން 50 ކްރޯޑު (500 މިލިއަން)ގެ ބަޖެޓަކުން އުފެއްދި ފިލްމަކަށް މިހާރުވެސް ފައިދާ ވަމުންދާކަން ވަރަށް ސާފުކަމަށް ވެސް އޭނާ ބުންޏެވެ. ފިލްމުގެ ސެޓެލައިޓް ރައިޓްސް އާއި މިއުޒިކް ރައިޓްސް ވިއްކާލައިގެން ފިލްމަށް ދިޔަ ޚަރަދު ވަނީ ހޯދާފަ އެވެ. އެހެންކަމުން ފިލްމު ރިލީޒްކުރުމަށް ފަހު ދެން ލިބޭ ފައިސާ އަކީ ފައިދާގެ ގޮތުގައި ލިބެމުންދާނެ ފައިސާ އެވެ.
ޓްރޭޑް އެނަލިސްޓް އަމުލް ވިކާސް މޯހަން ބުނި ގޮތުގައި ޝާހްރުކް ޚާންގެ "ރައީސް" އާއި "ގާބިލް"ގެ ކުރިމަތިލުމަކަށް ދާން ޖެހުނު ނަމަވެސް "ގާބިލް" ރިލީޒްކުރާ ދުވަސް ބަދަލު ނުކުރާނެކަން އޭނާއަށް މާ ކުރިއްސުރެ ވެސް ޔަގީންވެ އެވެ. ސަބަބަކީ އޭރުވެސް ބައެއް ޓެރިޓަރީތަކަށް ފިލްމު ވިއްކާފައި ވުމާއި އެތަންތަނުގައި ކަނޑައެޅިފައިވާ ތާރީޚުގައި އެ ފިލްމު އަޅުވާނެކަން ޔަގީން ވާތީ އެވެ.
ޝާހްރުކްގެ "ރައީސް" އާ ހެދި ރިތިކްގެ ފިލްމު ފްލޮޕް ވެދާނެތީ ދެރަވެފައި ތިބި ރިތިކްގެ ފޭނުންނަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ. ފިލްމަށް ބޮކްސް އޮފީހުގައި ކޮންމެ ގޮތެއް ދިމާވިޔަސް ގެއްލުމެއް ނެތްކަން ޔަގީން ވާތީ އެވެ.
ނަމަވެސް ފިލްމު އިންޑަސްޓްރީގެ ގިނަ މީހުން ލަފާކުރަނީ "ރައީސް" އަށް ވުރެ "ގާބިލް" ގެ ހިނގުން ދަށް ނުވާނެ ކަމަށެވެ. ދެ ފިލްމު ވެސް ބޮކްސް އޮފީހުގައި ވަރުގަދަ ފައިޓެއް ދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.