05 ސެޕްޓެމްބަރ 2022 - 12:43

ދެ ދައުރަށް ފަހު ވެރިކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރުގެ މަގާމުން އިމްރާން ދުރުކުރަން އުޅޭ ވާހަކަތަކެއް އަނެއްކާވެސް ދެއްކެވެމުންދާ މި ދަނޑިވަޅުގައި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މާތްﷲ އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް" ކަމަށެވެ.
އެ ގޮތަށް އިމްރާން ވިދާޅުވީ، ރޭ އޮތް އެ ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ވަނީ އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރު މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭން ފާސްކޮށްފަ އެވެ.
މިހާތަނަށް ރިޔާސީ އިންތިހާބުތަކުގައި އެ ޕާޓީގެ ބައިވެރިވުން އޮތީ ރިޔާސީ ކެންޑިޑޭޓުންނަށް ތާއީދުކޮށް، ކޯލިޝަން ހަދައިގެން އެކި ބޭފުޅުންގެ ވެރިކަން ގެނައުމުގަ އެެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ގެނައުމަށް ވެސް އަދާލަތު ޕާޓީން ވަނީ އެގޮތަށް މަސައްކަތްކޮށްފަ އެވެ.
ރިޔާސީ އިންތިހާބަށް އެހެން ފަހަރުތަކުގައި ސިޔާސީ ޕާޓީތަކުން ހަދާ ކޯލިޝަން ރޫޅި، މައްސަލަތައް ޖެހުނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޭސްތިރިކަމުގައި ހެދި ކޯލިޝަން މިހާތަނަށް ފެނުނީ ވަރުގަދަކޮށެވެ. ކޯލިޝަން ދަމަހައްޓާނެ ކަމަށް އެ މަނިކުފާނު ވަނީ އެކިއެކި ހަފުލާތަކުގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ކޯލިޝަންގެ އެހެން ބައިވެރިވެރިން ވިދާޅުވެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއް ކާމިޔާބަކީ ވެސް އެކި ފިކުރުގެ ބޭފުޅުންނާއެކު ކޯލިޝަން އަދިވެސް ދެމެހެއްޓުމެވެ.