ޖިންސީ ގޯނާގެ ތުހުމަތުވި މީހާ އަލުން ވަޒީފާއަށް ނެރެ މުސާރަ ދޭން އަންގައިފި
ޖިންސީ ގޯނާގެ ތުހުމަތުވި މީހާ އަލުން ވަޒީފާއަށް ނެރެ މުސާރަ ދޭން އަންގައިފި

އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ތުހުމަތުވި އުމުރުން ދުވަސްވީ އަންހެން މީހާ، ޝަރަފުއްދީން ސްކޫލުގައި އަދާކުރަމުން އައި މަސައްކަތު މީހާގެ ވަޒީފާއަށް އަނބުރާ ނެރުމަށާއި އޭނާ މަސައްކަތަށް ނުނެރެ ބެހެއްޓި މުއްދަތަށްވާ މުސާރަ އާއި އިނާޔަތް ދިނުމަށް ވަޒީފާއާ ބެހޭ ޓްރެއިބިއުނަލް އިން އިއްޔެ އަންގައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުވި މީހާ އަލުން ވަޒީފާއަށް ނެރެ މުސާރަ ދޭން އަންގައިފި
ޖިންސީ ގޯނާގެ ތުހުމަތުވި މީހާ އަލުން ވަޒީފާއަށް ނެރެ މުސާރަ ދޭން އަންގައިފި

މިދިޔަ މާޗު މަހުގެ ފަހުކޮޅު އައްޑޫގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އެ އަންހެން މީހާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ވެސް ކުރި އެވެ. އެކަމަކު ހެކި ނެތިގެން އެ މީހާގެ މައްޗަށް ދައުވާނުކުރަން ނިންމުމުން އެ މީހާ ވަނީ ދޫކޮށްލައިފަ އެވެ.

ޝަރަފުއްދީން ސްކޫލުގައި 30 އަހަރު ވަންދެން މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އެ މީހާއަށް އެ ތުހުމަތު ކުރެވުމާ ގުޅިގެން ވަކި ގޮތެއް އަންގަންދެން އޭނާއަށް ގޭގައި މަޑުކުރަން އެންގި އެވެ.

އެ މައްސަލައާ ގުޅިގެން އަންހެން މީހާގެ ފަރާތުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ ވަކި މުއްދަތެއް ނެތް ގޮތަށް ގޭގައި މަޑުކުރަން އަންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ފިޔަވަޅު އެޅި ފަރާތްތަކުގެ މައްސަލަ ބަލައި އެ ފަރާތްތަކުގެ މައްޗަށް ސިވިލް ސާވިސް ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް އެދި އެވެ. އޭނާ ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ބާތިލުކޮށް މައްސަލަ ނިންމާތާ 24 ގަޑިއިރުގެ ތެރޭގައި ވަޒީފާއަށް ނުކުތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އެދުނެވެ.

އެކަމާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ އެ މީހާއަކީ ޖެނުއަރީ 30، 1998 އިން ފެށިގެން އެ ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އައި މީހެއް ކަމަށާއި މުސާރައިގެ ގޮތުގައި މަހަކު 4،700ރ. އަދި އިނާޔަތުގެ ގޮތުގައި 2،200ރ. ލިބެމުން އައި މީހެއް ކަމަށެވެ.

އެތަނުގައި މަސައްކަތްކުރަމުންދަނިކޮށް ކުށެއްގެ ތުހުމަތަށް މިއަހަރުގެ މާޗު މަހުގެ 24 ގައި ފުލުހުންގެ ބަންދަށް ގެންގޮސް، އޭގެ ފަހުން އެ މައްސަލައިގެ ތަހުގީގު ހިންގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުން ޖިނާއީ ދައުވާއެއް ކުރެވޭނެ ހެއްކާއި ގަރިނާ ނެތުމުން މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލާފައިވާ ކަމަށް އެ އޮފީހުން ވެސް ބުނެފައިވާ ކަމަށް ނިންމުމުގައިވެ އެވެ.

އެ މީހާ ބަންދުން ދޫކޮށްލުމުން ޝަރަފުއްދީން ސްކޫލުން ވަނީ އޭނާއަށް ގުޅައި ވަޒީފާއަށް ނުކުތުމަށް އޭޕްރީލް 21 ގައި އަންގާފައި ކަމަށާއި ނަމަވެސް އެ ވަގުތު އެމީހާ ބަލިވެ އުޅޭތީ ސަލާމުގެ ޗުއްޓީއަކަށް ސްކޫލުގައި އެދުމުން ފޯނުން ގުޅައި ޗުއްޓީ ހަމަޖައްސައިދިން ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.

އެކަމަކު ސަލާމްގެ ޗުއްޓީ ނިމި، އީދު ޗުއްޓީއަށް ފަހު ވަޒީފާއަށް ނުކުތުމަށް ސްކޫލަށް ގުޅުމުން ވަނީ މުއްދަތެއް ނެތް ގޮތަށް ގޭގައި މަޑުކުރަން އަންގާފައި ކަމަށާއި މިގޮތަށް ނިންމި ސަބަބެއް ވެސް އަންގާފައިނުވާ ކަމަށް ބުނެފައިވެ އެވެ.

ވަޒީފާއަށް ނުކުތުން މަނާކުރި ސަބަބު މިއަދާ ހަމައަށް ވެސް ސްކޫލުން އަންގާފައިނުވާއިރު އެއީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިގެންވާ މަސައްކަތްކުރުމުގެ ހައްގު ނިގުޅައިގަނެ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާ ހިލާފަށް އެންގި އެންގުމެއް ކަމަށް އޭގައިވެ އެވެ.

ޓްރައިބިއުނަލްއަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ބެލިބެލުމުން އޭނާ ވަޒީފާއަށް ނުކުތުން މަނާކޮށްފައި ވަނީ އެ ކޮމިޝަނުގެ ގަވައިދާ އެއްގޮތަށް ކަމަށް ނުފެންނާތީ އޭނާ ވަޒީފާއަށް ނެރުމަށާއި ވަޒީފާއަށް ނުކުތުމަށް މަނާކުރި ދުވަސްތަކަށްވާ މުސާރަ އާއި އިނާޔަތް ދިނުމަށް މިދިޔަ މަހުގެ 17 ގައި އެޑިއުކޭޝަން މިނިސްޓްރީއަށް އަށް ވެސް އަންގާފައިވާ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެކަމަކު އެގޮތަށް މިނިސްޓްރީން އަމަލެއް ނުކުރެ އެވެ. އެެހެންވެ ޓްރައިބިއުނަލުން ބުނެފައިވަނީ އަނބުރާ ވަޒީފާއަށް ނެރުމާ އެކު ވަޒީފާއަށް ނުނެރެ ބެހެއްޓި މުއްދަތަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް އެ މީހާއަށް ދިނުމަށެވެ. އެކަން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ތަންފީޒުކުރުމަށް ފަހު ތިން ދުވަސްތެރޭގައި ވަޒީފާއާ ބެހޭ ޓްރެއިބިއުނަލަށް ލިޔުމުން އެންގުމަށް ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރުކުރެ އެވެ.

ރަނގަޅަށް ހިނގާބިނގާވެ ނޫޅެވޭ 59 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކުރުމުން އައްޑޫގައި ހަމަނުޖެހުން ބޮޑުވެ މުޒާހަރާ ވެސް ކުރި އެވެ. އެރަށުގެ މީހުން ތުހުމަތުކުރާ ގޮތުގައި ކުއްޖާގެ އާއިލާގެ މީހަކު ސަލާމަތްކުރުމަށް އަންހެން މީހާ ފްރޭމްކުރީ އެވެ.

އެކަމަކު ފުލުހުން އަންހެން މީހާ ހައްޔަރުކުރީ އެ ދުވަހު ކުއްޖާ ސްކޫލު ފާހާނާއަށް ގެންދިޔައީ އެ އަންހެން މީހާ ކަމަށް ބުނެ އެވެ. އެކަމަކު ކުއްޖާ ފާހާނާއަށް ގެންދިޔަ ކަމަށް ބުންޏަސް އެތެރެއަށް ވަދެފައި ނުވާ ކަމަށާއި ކުއްޖާ ފާހާނާކޮށް ނިމެންދެން ބޭރުގައި މަޑުކޮށްގެން ހުރީ ކަމަށް އެ އަންހެން މީހާ ބުނެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާގެ ކުރިމަތި ފަރާތަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓުން އެނގެ އެވެ. އަދި ކުއްޖާގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައިވާ ނިޝާންތަކެއް ވެސް ހުއްޓެވެ. ނަމަވެސް އަންހެން މީހާ ނޫން މީހަކަށް އެ މައްސަލައާ ގުޅިގެން ތުހުމަތުވަރަށް ހެކި ނުލިބޭ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.